18 Nov 2015, 10:46
އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮތް ބަލި މީހަކު ނެރެ އެއްލާލި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އުމުރުން 64 އަހަރުގެ މީހެއް އެޑްމިޓު ކޮށްފައިވާއިރު އޭނާގެ އެހީތެރިޔާއާ ދެމީހުން ވޭތުވެ ދިޔަ ފަސް މަސްދުވަހު ހޮސްޕިޓަލުގައި މަޑުކޮށްފައިވާ ކަމަށެވެ.
އުމުރުން 64 އަހަރުގެ ފިރިހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 12 ގައެވެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާ ޑިސްޗާޖުކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ނަމަވެސް ބަލިމީހާގެ އެހީތެރިޔާ ވަނީ އިތުރު މައްސަލަތައް ހުރި ކަމަށް ބުނެ ޝަކުވާ ކޮށްފައި ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އޭރު އޭނާ ބާއްވާފައިވަނީ ވޯޑުގައެވެ. ނަމަވެސް ގިނަ ޝަކުވާތަކާއި ވާހަކަތައް އަޑުއެހުމަށްފަހު އެމީހާ އާއި އޭނާގެ އެހީތެރިޔާ ޕްރައިވެޓް ކޮޓަރިއަކަށް ވޯޑަކަށް ޖޫން މަހުގެ 23 ގައި ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
ބަލިމީހާގެ އެހީތެރިޔާގެ ބުނި ގޮތުގައި ކޮޓަރިއަށް ދައްކާނެ ފައިސާއެއް ނެތެވެ. އެހެން ކަމުން ވޯޑަށް ބަދަލު ކޮށްދެވިދާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ނަމަވެސް އެހީތެރިޔާ ވަނީ އެގޮތް ކަމުނުދާނެ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.
ބަލިމީހާއަށް ދޭން ޖެހޭ ފަރުވާ ދީނިމިފައިވާ ކަމަށް ޑޮކްޓަރުންނާއި ނަރުހުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އޭރު ދެ މީހުން އުޅެމުން ދިޔައީ ކުލީ ކޮޓަރީގައި އުޅޭ އުސޫލުން ކަމަށް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. ނަމަވެސް އެމީހާ ޑިސްޗާޖުކޮށްފައިވާ ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިޔުމާއެކު ފަސް މަހު ހުރުމަށްފަހު ދެމީހުން ވަނީ ގޮސްފައި ކަަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި ދިޔަ އިރު ބަލިމީހާގެ އެހީތެރިޔާ ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް ވަރަށް ހުތުރު ބަހުން މުއާމަލާތް ކޮށްފައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.