18 Nov 2015, 10:08
ނައިޖީރިއާގެ ޔޯލާ ސިޓީގެ މާރުކޭޓެއްގައި އިއްޔެ ބޮމެއް ގޮވުމުގެ ސަބަބުން 31 މީހަކު މަރުވެއްޖެ އެވެ.
ތަރުކާރީއާއި މޭވާ ވިއްކާ އެ މާރުކޭޓުގައި ބޮން ގޮވާފައި ވަނީ މާރުކޭޓު ބަންދު ކުރާ ގަޑިއާ ގާތްކޮށ،ް އެތާގައި މީހުން ގިނަ ވަގުތެއްގަ އެވެ.
ނައިޖީރިއާގެ ފުލުހުންނާއި ރެޑް ކުރޮސް އިން ބުނީ 31 މީހަކު މަރުވުމުގެ އިތުރުން، 72 މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވާ ކަމަށެވެ.
ނައިޖީރިޔާގެ ސަރުކާރުން ލަފާކުރާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި ވަނީ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް އެވެ.
އެ ހަމަލާ ދީފައިވަނީ ބޯކޯ ހަރާމް އާއި ދެކޮޅަށް ނައިޖީރިޔާގެ އަސްކަރިއްޔާ އިން ކުރަމުންދާ ހަނގުރާމަ ކާމިޔާބު ވާން ގާތްވެފައިވާ ކަމަށް ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ހޮނިހިރު ދުވަހު ޔޯލާ ސިޓީއަށް ވަޑައިގެން ވިދާޅުވެފައި ވަނިކޮށެވެ.
މި އަހަރުގެ މޭ މަހުގައި ވެރިކަމަށް އަރާ ވަޑައިގެންނެވި މުހައްމަދު ބުހާރީ ވަނީ ބޯކޯ ހަރާމް އެއްކޮށް ނައްތާލުމަށް ނައިޖީރިއާގެ އަސްކަރިއްޔާ އަށް ޑިސެމްބަރާ ހަމައަށް މުހުލަތެއް ދެއްވާފަ އެވެ.
މައުލޫމާތު: ބީބީސީ