18 Nov 2015, 10:11
އެކުވެރިކުމުގެ މެޗެއްގައި ރޭ އިންގްލޭންޑުން 0-2ގެ ނަތީޖާއަކުން ފްރާންސްގެ މައްޗަށް ކުރި ކުރިހޯދައިފި އެވެ.
ފްރާންސް އަށް ދިން ޓެރެރިސްޓް ހަމަލާއަށް ފަހު ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް އިންގްލޭންޑްގެ ވެންބްލީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ފެށިގެން ފްރާންސުން ދިޔައީ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމުން ވަނީ އިންގްލޭންޑްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް އިންގްލޭންޑުގެ ކީޕަރު މައިކަލް ޖޯ ހާޓް ވަނީ އެ ހަމަލާތައް ދިފާއު ކޮށްފަ އެވެ.
ނަމަވެސް އިންގެލްންޑުން އައީ މަޑުމަޑުން ގޭމްގެ ތެރެއަށް ވަންނަމުންނެވެ. އެގޮތުން އެޓީމުން ވަނީ ގާތްގާތުގައި ފްރާންސްގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް ކުރިޔަށް ފޮނުވާލައިފަ އެވެ.

ރޭ އިންގްލެންޑާއި ފޮރާންސް ކުޅުނު އެކުވެރިކަމުގެ މެޗްގެ ތެރެއިން --- ފޮޓޯ:އޭޕީ
އިންގްލޭންޑުން މެޗުގެ ލީޑު ނެގީ 39 ވަނަ މިނަޓުގައި ވޭން ރޫނީގެ އެހީތެރިކަމާ އެކު ޑިލަލައި ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ޑިލަލައި އިންގްލޭންޑް ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މި މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވެ އިންގްލޭންޑުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު ކާމިޔާބުކުރީ 48 ވަނަ މިނަޓުގައި ރަހީމް ސްޓާލިންގްގެ އެހީތެރިކަމާ އެކު ވޭން ރޫނީ އެވެ. މި ލަނޑަށް ފަހު ވެސް އިންގްލޭންޑަށް ލަނޑު ޖަހަން ފުރުސަތުތަކެއް ވަނީ ލިބިގެން ގޮސްފަ އެވެ.
މި މެޗުގެ ދެވަނަ ހާފްގައި ފްރާންސަށް ވަނީ މާ އެދެވޭ ކުޅުމެއް ނުދެއްކިފަ އެވެ. އެހެން ނަމަވެސް އިންގްލޭންޑުން ވަނީ ބޯޅަ ކޮންޓްރޯލްކޮށްގެން ފުރަތަމަ ހާފާ ހިލާފަށް ފްރާންސްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ.