މޮސްކޯ (ނޮވެމްބަރު 18) : މިސްރުގެ ސައިނާއަށް ވެއްޓުނު ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓަށް ބޮމެއް ލުމުގައި ބައިވެރިވި ފަރާތްތައް ހާމަކޮށްދިން ފަރާތަކަށް 50 މިލިޔަން އެމެރިކާ ޑޮލަރުގެ އިނާމެއް ރަޝިޔާއިން ހުށަހަޅައިފި އެވެ.
ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވީ އެގައުމުގެ ފަސިންޖަރު މަތިންދާބޯޓު މިސްރުގެ ސައިނާ އަށް ވެއްޓުނީ އޭގައި ބޮމެއް ގޮވުމުގެ ސަބަބުންކަން ތަހްގީގްތަކުން މިހާރު ހާމަވެފައިވާ ކަމުގަ އެވެ. އެބޯޓަށް ބޮމެއް ލުމަށް ސައިނާގައި ހަރަކާތްތެރިވާ ވިލާޔަތު ސައިނާ ޖަމާއަތަށް މަގުފަހިކޮށްދިނުމުގައި މިސްރުގެ ބައެއް މަސްއޫލުވެރިންގެ ދައުރެއްވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ސައިނާގެ އަލްއަރީޝްގެ ކައިރިއަށް ވެއްޓިފައި ވަނީ ސައިނާގެ ޝަރުމުއްޝައިޚް އެއަރޕޯޓުންފުރައިގެން ރަޝިޔާގެ ސެންޕީޓާސްބާގް އަށް ދަތުރުކުރަމުން ދަނިކޮށެވެ. މިސްރުންވަނީ ރަޝިޔާގެ ބޯޓު ވެއްޓުނީ އޭގައި ބޮމެއް ގޮވުމުގެ ސަބަބުންކަމަށް ގަބޫލުކުރުމަށް ދެކޮޅު ހަދާފަ އެވެ.

މިސްރުގެ ރިޔާސާގުޅުންހުރި މަސްއޫލުވެރިންނާ ހަވާލާދީ މިޑްލްއީސްޓް ނޫސްއެޖެންސީން ބުނީ ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ސައިނާއަށް ވެއްޓުނީ އޭގައި ބޮމެއް ގޮވުމުގެ ސަބަބުންކަން އަދި ކަށަވަރުނުވާ ކަމުގައެވެ. އަދި ޙާދިސާއާ މިސްރުގެ ބައެއް މަސްއޫލުވެރިންނާ ގުޅުންވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށް ވެސް މިޑްލްއީސްޓް ނޫސްއެޖެންސީން ބުނެ އެވެ. އެއާބަސް އޭ 321 މަރުކާގެ ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓު ވެއްޓުމުގެ ޙާދިސާގައި އެއިން ދަތުރުކުރި 224 މީހުން ވަނީ މަރުވެފަ އެވެ.
ރަޝިޔާގެ މަތިންދާބޯޓު ވައްޓާލިކަމުގެ ޒިންމާ އުފުލާފައި ވަނީ އައިއެސް ޖަމާއަތަށް ބައިއަތު ހިފާފައިވާ މިސްރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ވިލާޔަތު ސައިނާ ޖަމާއަތުންނެވެ. (ނޫސްއެޖެންސީތައް)