18 Nov 2015, 09:58
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް ރޭ ނިންމާލައިފި އެވެ.
މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފެށި ބަޖެޓް ބަހުސް ނިންމާލީ ރޭގެ ވަގުތެއްގަ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ބަހުސް ނިންމާލި އިރު އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން 72 މެމްބަރަކު ވަނީ ވާހަކަފުޅުދައްކަވައިފަ އެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ހަމަ އެ ދުވަހު ބަޖެޓު ކޮމެޓީ އެއްކޮށް ބަޖެޓުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިންމުމަށް ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ބަޖެޓުގައި ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފިނޭންސް މިނިސްޓަރާއި ހައުސިން، އެންވަޔަރަމަންޓް އަދި ޓޫރިޒަމް މިނިސްޓަރު ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރު ވެސް ބަޖެޓާ ގުޅޭ ގޮތުން ވާހަކަދެއްކެވުމަށް ބަޖެޓު ކޮމެޓީއަށް ހާޒިރުކުރި އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާގެ ތެރެއިން އާއްމު ބަޖެޓުން ހޭދަ ކުރުމަށް ކަނޑައަޅާފައި ވަނީ 5.2 ބިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ލޯނު އެހީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި ޓުރަސްޓް ފަންޑުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭނެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައި ވަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމާއި ވައިގެ ބަނދަރުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށެވެ. އެކަމަށް ޓަކައި އަންނަ އަހަރު 63 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެއީ 2.6 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެކެވެ. އޭގެތެރެއިން 62 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތްތަކަށް 783 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ބިން ހިއްކުމާއި މަގު ހެދުމަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން 9 ރަށެއްގެ ބިން ބޮޑު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ބިން ހިއްކުމުގެ 19 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.