18 Nov 2015, 10:03
ރ. އިންނަމާދޫ އޮފީހުގެ ކުރީގެ ކަތީބެއް އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާތަކެއް ހޯދާފައިވާތީ އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނީ އިންނަމާދޫ އޮފީހުގެ 2008 އަދި 2009 ވަނަ އަހަރުގެ ހިސާބުތައް އޮޑިޓްކުރުމުގައި ގިނައަދަދެއްގެ ފައިސާއަށް ވެފައިވާގޮތެއް އެ އޮފީހުގެ ލިޔެކިޔުންތަކުން އެނގެން ނެތްކަމަށާއި އެ އޮފީހުގެ ފައިސާއާ ބެހޭ ލިޔެކިޔުންތައް ގެއްލިފައިވާކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ ކަމަށެވެ.
އެ ކޮމިޝަންގެ ތަހުގީގަށް އެނިފައިވާ ގޮތުގައި އިންނަމާދޫ އޮފީހުގެ ކަތީބު ވަނީ، އެ އޮފީހަށް ތަފާތު ތިން ގޮތަކުން ލިބުނު ގިނަ އަދަދެއްގެ ފައިސާތަކެއް އޭނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.
އެގޮތުން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް އިންނަމާދޫ އޮފީހަށް މުދަލުޒަކާތުގެ ގޮތުގައި ބަލައިގެންފައިވާ ފައިސާގެ ތެރެއިން 22،754.50 ރުފިޔާ އާއި ތެލުގެ އަގު ބޮޑުވުމުން ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން ސަބްސިޑީގެ ގޮތުގައި ޖަމާކޮށްދީފައިވާ 165،545 ރުފިޔާ އާއި އިންނަމާދޫ ރައްޔިތުންގެ ރުށްގަހުގެ ބަދަލަށް އެކި ފަރާތްތަކުން ދައްކާފައިވާ 17،838.66 ރުފިޔާ އަށް ވީގޮތެއް އެނގެން ނެތް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އެހެންކަމުން ޖުމްލަ 206،138.16 ރުފިޔާ، ރ. އިންނަމާދޫ ކުރީގެ ކަތީބު އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައި ވާތީ އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން އެއީ ކޮރަޕްޝަން އެކުލެވިގެންވާ މައްސަލައެއްކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.
އޭގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާކުރުމަށް އެ މައްސަލަ ޕީޖީއޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އެންޓިކޮރަޕްޝަން ކޮމިޝަނުން ބުނެ އެވެ.
އެ ކޮމިޝަނުން ބުނީ އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ދައުލަތަށް އަނބުރާ ހޯދުމުގެ މައްސަލަ ވެސް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.