18 Nov 2015, 09:52
ބަންގްލަދޭޝްގައި ރާއްޖޭގެ ހައިކޮމިޝަން އަލުން ހުޅުވުމުން އެގައުމުގެ ސަރުކާރުން ރާއްޖެ އަށް ޝުކުރުއަދާކޮށްފި އެވެ.
ބަންގްލަދޭޝްގެ ޑެއިލީ ސްޓާ ނޫހުން ބުނީ ރާއްޖޭން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު އާސިމް އިއްޔެ އެގައުމުގެ ރައީސް ޢަބުދުލް ޙާމިދުގެ އަރިހަށް އިއްޔެ އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި ކަމަށެވެ. ބަންގްލަދޭޝްގައި ރާއްޖޭގެ މިޝަން އަލުން ހުޅުވުމުން ޢަބުދުލް ޙާމިދު އެކަމަށް ޝުކުރު އަދާކުރެއްވީ އެ ބައްދަލުވުމުގައި ކަމަށް އެނޫހުން ބުންޏެވެ.
ބަންގްލަދޭޝްގައި ރާއްޖޭގެ ހައިކޮމިޝަނެއް ފުރަތަމަ ހުޅުވީ 2008 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު އެ ހައިކޮމިޝަން ބަންދު ކުރި އެވެ. އޭރު އެ ހައިކޮމިޝަން ބަންދު ކުރީ ފައިސާގެ ދަތިކަމުން ކަމަށް އޭރު ހުންނެވި އެކްޓިން ހައިކޮމިޝަނަރާ ހަވާލާދީ ނޫސްތަކުން ބުންޏެވެ. ހައިކޮމިޝަން ބަންދުކުރުމަށް ފަހު ރާއްޖެ އާއި ބަންގްލަދޭޝްއާ ގުޅުން ހުރި މަސައްކަތްތައް ކުރަމުން އައީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުރި ރާއްޖޭގެ ހައިކޮމިޝަނުންނެވެ.
ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ ބަޔަކު މަސައްކަތް ކުރެ އެވެ.