18 Nov 2015, 09:47
ޝްރީ ލަންކާގައި ކުރިއަށް ގެންދިޔަ 'ބުއްދި އިންޓަނޭޝަނަލް އޯޕަން ރޭޓިންގް ޗެސް ޗެމްޕިއަންޝިޕް' މުބާރާތުން ރާއްޖޭގެ ގައުމީ ޗެސް ޓީމްގައި ހިމެނޭ އިސްމާޢިލް ފާތިހް ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފި އެވެ.
ބުއްދި ސްކޫލް އޮފް ޗެސްއިން އިންތިޒާމު ކުރި މިމުބާރާތުން ފަތިހް ރަން މެޑަލް ހޯދީ އަންރޭޓެޑް ކެޓަގަރީއިންނެވެ.
އެ މުބާރާތުގައި އެކި ކެޓަގަރީތަކުން 571 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.
މިއީ އިންޑަވިޖުއަލް އިންޓަނޭޝަނަލް ޗެސް މުބާރާތެއްގައި ފާތިހް ވާދަ ކުރި ފުރަތަމަ ފަހަރެވެ.
މިމުބާރާތުގައި ފާތިހް ވާދަކުރިއިރު އޭނަ ދަނީ ލަންކާގެ ޗެސް އެކެޑެމީއެއްގައި ޗެސް ޓްރޭނިންގް ކޯހެއް ފުރިހަމަ ކުރަމުންނެވެ.