ހދ. ކުޅުދުށްފުށީ ނިމަކާގޭގައި ރޯވެ ބައެއް މީހުންނަށް އަނިޔާވެ، ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނީ ނިމަކާގޭގައި އަލިފާން ރޯވީ ރޭ ފަތިހު 4.45 އެހާކަންހާއިރު ކަމަށެވެ. އަދި އެގޭގައި ރޯވި އަލިފާން ނިއްވައިލީ އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަ ސްޓޭޝަންގައި މަސައްކަތް ކުރާ ސިފައިން ކަމަށާއި އަލިފާން ގަނޑު މުޅިން ކޮންޓްރޯލް ކުރެވުނީ 5.50 އެހާކަން ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވީ މީހުން އެސަރަހައްދުގައި ތިބި އާއްމުންގެ އެހީތެރިކަމާ އެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ވެސް ބުންޏެވެ.

އެގޭގައި ރޯވި އަލިފާނުގެ ސަބަބުން ގޭގެ ބައެއް ތަކެއްޗަށް އެކި ވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ.