17 Nov 2015, 23:49
ތަފާތު އެކި ދާއިރަތަކުން ފާހަގަ ކުރޭވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ޔޫތު މިނިސްޓްރީގެ ފަރާތުން ދޭ "މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެވޯޑް"، މިއަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ހަސަން ސާއިދު (ސާއިދު ކަޅޭ) ހޯދައިފިއެވެ.

ސާއިދު ދުވުމެއް ނިންމާލަނީ: އޭނާ ވަނީ ދުވެގެން ރާއްޖެއަށް ރަން މެޑަލެއް ހޯދައިދީފައި -- ފޮޓޯ: އެމްއޯސީ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު އިވެންޓުން ސާއިދު ރަން މެޑަލް ހޯދާފައިވާއިރު އޭނާ ވަނީ އެމުބާރަތުގައި 200 މީޓަރު އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.
ސާއިދަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 36 އަހަރުވީ ތާރީޚްގައި އެމުބާރާތުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑްލް ހޯދައިދިން އެތުލީޓެވެ.
އެމުބާރާތުން ރަން މެޑަލް ހޯދުމުން ސަރުކާރުން ވަނީ ސާއިދު އަށް 'ގައުމީ ބަޠަލެއް' ގެ ދަރަޖަ ދީފައެވެ.
އަދި މިއަހަރުގެ ޖުމުހޫރީ ދުވަހު ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން ވަނީ ސާއިދަށް 'ޚާއްސަ މެޑަލް' އެއް އަރުވާފައެވެ.
ޖެނުއަރީ މަހު އޮންނަ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް އިންޑިއާގައި މިވަގުތު ޕްރޮފެޝަނަލް ޓްރޭނިންގ ހަދަމުންދާ ސާއިދުގެ ބަދަލުގައި އެވޯޑާ ހަވާލުވީ އޭނާގެ ބައްޕަ މުހައްމަދު އިސްމާއިލްފުޅެވެ.