17 Nov 2015, 23:41
މިއަދަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމަށް ދެ އަހަރު ނުވަތަ 730 ދުވަސްވީ ދުވަހެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދުވަސް ފާހަގަ ކުރަނީ، އެކި ދާއިރާތަކުގެ ތަރައްގީއަށް 730 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވާކަން ފާހަގަ ކުރައްވަމުންނެވެ.
ޒުވާނުންގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، މިސަރުކާރަށް 730 ދުވަސް ވެފައިވާއިރު 730 މިލިއަނަށްވުރެ ގިނަ ރުފިޔާ މިސްކިތްތައް ބިނާކުރުމަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް ހޭދަކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ 730 އަށްވުރެ ގިނަ ރުފިޔާ ތައުލީމާއި ބޭސްފަރުވާގެ ދާއިރާއަށާއި ތިމާވެށި ހިމާޔަތް ކުރުމާއި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި އިއާދަ ކުރުވަނިވި ހަކަތައިގެ މަޝްރޫތަަކަށް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރައީސްޔާމީންގެ ޒައާމަތުގައި ދެ އަހަރު ވީއިރު ރާއްޖެ މިއޮތީ އިސްލާމީ ގައުމުތަކާއި ގުޅުން ބަދަހި، އިގްތިސާދަށް މަގުފަހި، ހާރިޖީ ސިޔާސަތަކަށް މިސްރާބް ޖަހާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މި 730 ދުވަހުގެ ތެރޭގައި މާލޭގެ މަލަމަތިން އިސްލާމިކް ޔުނިވާސިޓީގެ އަލިކަން ފާއްދާލާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ވޭތުވެދިޔަ ދެ އަހަރު ތެރޭ ޓޫރިޒަމް ނުހިމެނޭ 55 ފޮރިން އިންވެސްޓްމަންޓް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާއިރު 799 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ދަފްތަރު ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.
ވަކިމީހަކަށް ވަކިގޮތެއްހެދުމެއްނެތި މިގައުމުގައި ގާނޫނު ތަންފީޒު ކުރަމުންދާކަމަށާއި އެކަމުގެ ނަތީޖާއަކީ ވޭތުވެދިޔަ ދެ އަހަރު ކުށްކުރުން މަދުވެފައިވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ މައްސަލަތައް މަދުވެ އަނިޔާވެރި އަމަލުތައް މަދުވެ، އަމާން ފަތިހަކަށް މިގައުމުގެ ޖައްވު ތަންދޭން ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.
އުމުރާނީ އެތައް ތަރައްގީއަކާއި އެތައް ބިމެއް ހިއްކާފައިވާއިރު ދަރިވަރުންގެ ތަރައްގީއަށް މިހާބޮޑު އިސްކަމެއްދިން އެހެން ސަރުކާރެއް ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ މަތީ ތައުލީމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވުމާއި ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް އެންމެ ގިނައިން ފަހިކޮށްދިނީ މިސަރުކާރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ލޭ އޮހޮރުވައިގެން ބާރުތައް ހޯދުމުގެ ހިޔާލު އައިސް އަމިއްލަ ގައުމަށް ގައްދާރުވެ ހިޔާނާތްތެރި އަމަލުތައް އިސްކޮށްފިނަމަ އެކަމުގެ ނަތީޖާ ފެންނާނީ ވަރަށް ހިތިކޮށްކަން ފާއިތުވެދިޔަ ދުވަސް ތަކާއި ޒަމާންތަކުން ދަނީ ފެންނަމުން ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އެގޮތުން އަބަދުވެސް އީމާންވާންޖެހޭ ކަމަކީ ތިމާ ރާވާ މަކަރު ވެރި ރޭވުންތަކަށްވުރެ މޮޅަށް ގަދަކީރިތިވަންތަ މާތްﷲ ކަންކަން ނިންމަވާކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.