17 Nov 2015, 22:41
ކުށަށް އަރައިގަންނަން މަގުމަތީ ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު މީގެ ދެ އަހަރު ކުރިއާއި އަޅައިބަލާއިރު މަދު ކުރެވިފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ޒުވާނުންގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒުހޫރު މިރޭ ވިދާޅުވީ، ޒުވާން އުމުރުގައި ނޭދެވޭ ކަންކަމަށް ވަދެގެން ދިއުމަކީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ ކަމަށެވެ.
ސިޔާސީ މަގުސަދުތަކުގައި ޒުވާނުން ލައްވައި ޖަރީމާތައް ހިންގަން މަސައްކަތް ކުރާކަމީ ހިތާމައެއް، ކަމަށާއި އެފަދަ ކަންކަމުން ޒުވާނުން ސަލާމަތް ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ ދެއަހަރު ކުރިއަށް ބަލައިފިނަމަ މަގުމަތިން މިފަދަ {ކުށަށް އަރައިގަންނަ} ކުދިން ފެނުނު މިންގަނޑަށް ބަލާއިރު މިއަދު މިވަނީ އެތައް ގުނައަކުން މަދުވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.
ޒުވާން އުމުރުގައި އެތައް ގޮންޖެހުމަކާއި ކުރިމަތިވާނެ ކަމަށާއި ނަމަވެސް އެއްވެސް ޒުވާނަކީ އުންމީދު ކަނޑާލާ ޒުވާނަކަށް ވެގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ އެޒުވާނަކު ކުރިއަށްދާން ބޭނުންވާގޮތަށް ކުރިއަށްދެވޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
"ހިތްވަރާއި އަޒުމާއެކު ތެދުވެއްޖެ ނަމަ އެ ޒުވާނަކު ދާން ބޭނުންވާ ރޮނގަކުން ކުރިއަށްދެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. އަދި އަދުގެ ސަރުކާރުން އެކުދިންނަށްހެޔޮ މަގު ދައްކައިދޭނެކަމުގެ ޔަގީންކަންވެސް މިފުރުސަތުގައި އަރުވަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޒުވާނުންނަށް ބޯހިޔާވައިކަން ހޯދައިދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައި ކަމަށާއި އެގޮތުން ވޭދުވެދިޔަ ދެ އަހަރު ތެރޭ 3000 އަށްވުރެ ގިނަ ފުލެޓް އެޅުމުގެ މަސައްކަތް ފެށި އިތުރު 7000 ފުލެޓް މިފަސް އަހަރު ތެރޭ އެޅިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވެ ދިޔަ ދެ އަހަރު ތެރޭގައި ޒުވާނުންގެ ގިނަ ލަނޑުދަނޑިތަކެއް ވަނީ ހާސިލް ކުރެވިފައިކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޒުވާނުން ޒިންމާދާރު ކުރުމުގެ ގޮތުން ދެއަހަރު ތެރޭ 2750 ސްކޯލާޝިޕް ސަރުކާރުން ހޯދާދީފައިވާ ކަމަށެވެ.