17 Nov 2015, 23:02
ތަފާތު އެކި ދާއިރާތަކުން މަސައްކަތް ކުރާ ޒުވާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ޒުވާނުންގެ އެވޯޑް ހަ ފަރާތަކުން ހޯދައިފި އެވެ.
ޒުވާނުންގެ ދުވަހާ ގުޅިގެން މިރޭ ދަރުބާރުގޭ ގައި ބޭއްވި ހަފުލާގައި ފަސް ދާއިރާއަކުން އެވޯޑް ދީފައި ވެއެވެ.
އެވޯޑް ދީފައިވާ ދާއިރާ ތަކަކީ ވިޔަފާރިއާއި އިގްތިޞާދީ ދާއިރާއާއި އާޓްސް އެންޑް ކަލްޗާ، އުފެއްދުންތެރިކަމުގެ ދާއިރާއާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއާއި ދަރުމައަށް ޚިދުމަތް ކުރުމުގެ ދާއިރާގެ އިތުރުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިންނެވެ.
ކުޅިވަރުގެ ދާއިރާއިން ދެ ބޭފުޅަކު ވަނީ އެވޯޑް ހޯދާފައެވެ.
ވިޔަފާރި އަދި އިގްތިޞާދީ ދާއިރާއިން ޒުވާނުންގެ އެވޯޑް ހާސިލުކޮށްފައިވަނީ ހއ. ކެލާ ނެލިވަރު، ޢަބްދުﷲ ނިޔާމް ޙަސަން އެވެ.
އާޓްސް އެންޑް ކަލްޗާ، އުފެއްދުންތެރިކަމުގެ ދާއިރާއިން އެވޯޑް ހޯދާފައިވަނީ މަޝްހޫރު ލަވަ ކިޔުންތެރިންޔާ އިބްރާހިމް މަމްދޫހް (މަންޑޭ) އެވެ.
މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން އެވޯޑް ހޯދާފައިވަނީ ނަސްރުﷲ ނިޔާފް، މއ. ދިރޭ، ކ. މާލެއެވެ.
ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއިން އެވޯޑް ހާސިލްކުރީ ދިމްނާ ފާކިރު، ގުލްދަސްތާގެ ، ސ. ފޭދޫ އެވެ.
މީގެ އިތުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ރާއްޖޭގެ މަޝްހޫރު ސްޕޯޓްސް ޖާނަލިސްޓް ހަފްސީ ޢަބްދުﷲވެސް ވަނީ އެވޯޑް ހޯދާފައެވެ.
ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާއިން އެވޯޑް ހޯދާފައިވާ އަނެއް ބޭފޫޅަކީ މުސާ އިބްރާހިމް، ތިރީރޯޒް، ނ. ހޮޅުދޫއެވެ.
މިރޭގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު ދެއްވާ މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އެވޯޑްވެސް ވަނީ ދެފަރާތަށް ދެއްވާފައެވެ.
އެގޮތުން މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސް އެވޯޑް ރާއްޖޭއާއި ދެކުނު އޭޝިއާގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދު (ސާއިދު ކަޅޭ) އެވޯޑް ހޯދާފައިވާއިރު ރަން ދިހަ ފަހެއް ނޫޓް ފަރުމާކުރި މަޝްހޫރު ކުރެހުންތެރިޔާ ޢަބްދުﷲ ނަޝާތުވެސް ވަނީ އެވޯޑް ހޯދާފައެވެ.
މިހުރިހާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖަލްސާ ޝަރަފުވެރިކޮށްދެއްވި އިކޮނޮމިކް ޑިވްލަޕްމެންޓް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.