05 Apr 2011, 09:14
މިސްރާއި އީރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ޤާއިމްކުރަން ބޭނުންވާކަން އެދެޤައުމުން ހާމަކޮށްފިއެވެ.
މިސްރުގެ އާ ޚާރިޖީ ވަޒީރު ނަބީލުލްޢަރަބީ ވިދާޅުވީ މީގެ 30 އަހަރުކުރިން ކަނޑާލެވިފައިވާ އީރާނާއި މިސްރުގެ ގުޅުންތައް އަލުން އުފައްދައި ދެޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް މިސްރު ބޭނުންވާ ކަމުގައެވެ.
ޤާހިރާގައި ހުންނަ އީރާނުގެ ސާޒްޑިއެފެއަރ މުޖްތަބާ އަމާނީ އާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިސްރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އީރާނާއި މިސްރަކީ އިސްލާމީ ދުނިޔޭގެ ވަރަށް ބޮޑު ދެޤައުމުކަމަށާއި މިދެޤައުމަކީ ވަރުގަދަ ތާރީޚަކާއި އާދަޔާ ޚިލާފު ޙަޟާރަތްތަކެއް ބިނާވެގެންދިޔަ މުހިއްމު ދެޤައުމު ކަމުގައެވެ.
އީރާނާއި މިސްރުގެ ގުޅުންތައް ރަނގަޅުކުރުމުން ދެޤައުމުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކަކާއި މަންފާތަކެއް ލިބިގެންދާނެ ކަމަށްވެސް މިސްރުގެ ޚާރިޖީ ވަޒީރު ނަބީލުލް ޢަރަބީ ވިދާޅުވިއެވެ. ނަބީލުލްޢަރަބީ މިމޭރުމުން ވާހަކަ ދެއްކެވީ އީރާނާއި މިސްރުގެ ކެނޑިފައިވާ ގުޅުންތައް އަލުން އުފެއްދުމާބެހޭގޮތުން އީރާނުގެ ރައީސް އަޙްމަދީ ނެޖާދް ވެސް ވާހަކަ ދައްކަވާފައިވަނިކޮށެވެ.
ނެޖާދް ވިދާޅުވީ މިސްރާ ޑިޕްލޮމެޓިކް ގުޅުންތަކާއި އަދި އެކިރޮނގުތަކުގައި ގާތްގުޅުންތަކެއް ބާއްވަން އީރާނުގެ ރައްޔިތުން ޝައުޤުވެރިވާ ކަމުގައެވެ. އަދި މިސްރަށް ދާދިފަހުން އައި ރައްޔިތުންގެ އިންޤިލާބުގެ ސަބަބުން އެެމެރިކާގެ ނުފޫޒާއި އިސްރާއީލުގެ ވަކިތަކުން މިސްރު މިނިވަންވެފައިވާ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ނެޖާދް ވިދާޅުވިއެވެ.
1979 ގައި އީރާނަށް ގެނައި އިސްލާމީ އިންޤިލާބަށްފަހު މިސްރާއި އީރާނުގެ ގުޅުންތައް ކެނޑިގެން ދިޔައީ އަންވަރުއްސާދާތުގެ ވެރިކަމުގައެވެ. ރައްޔިތުންގެ އުތުރިއެރުމެއްގައި މަޤާމުން ދުރުކުރެވުނު މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމުގައި ދެޤައުމުގެ ގުޅުންތައް އިތުރަށް ގޯސްވެގެންދިޔައީ މުބާރަކްގެ ވެރިކަމުގެ ނިޒާމަށް އެމެރިކާއާއި އިސްރާއީލުން ފޯރުވަމުން ގެންދިޔަ ބާރާއި ނުފޫޒުތަކުގެ ސަބަބުންނެވެ.
މުބާރަކްގެ ވެރިކަމުގައި އެމެރިކާ ނުރުހޭ ކަންތައްތައް ކުރައްވަން އޭނާ ޖެހިލުންވެ ވަޑައިގަންނެވުމުގެ އިތުރުން މސްރުވަނީ އެމެރިކާގެ ނުފޫޒުގެ ކަސްތަޅުތަކެއްގެތެރޭގައި ކަމަށް މުހައްލިލުން ވިދާޅުވެ އެވެ.
މިސްރަށް އައި ރައްޔިތުންގެ އިންޤިލާބާއެކު މިސްރުވަނީ އެމެރިކާ، އިސްރާއީލު އަދި ހުޅަނގުގެ ކަސްތަޅުތަކުން މިނިވަންވެ މުޅިން އާ ދައުލަތަކަށް ބަދަލުވެފައި ކަމަށް އެޤައުމުގެ މީޑިޔާ ބުނެއެވެ. މިސްރުގެ ޚާރިޖީ ސިޔާސަތަށް ބަދަލުތައް އައި ކަމުގެ ހެކިތަކުގެ ތެރޭގައި ޣައްޒާއާ ދެކޮޅަށް ޢުދުވާން ނުހިންގުމަށް މިސްރުން ދާދިފަހުން އިސްރާއީލަށް އިންޒާރެއް ދިނުމާއި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކުގެ ވެރިންނާ މިސްރުގެ އިސްމަސްއޫލުވެރިން ބައްދަލުކުރައްވަން ފެއްޓެވުން ހިމެނެ އެވެ.
އަދި އީރާނާ ގުޅުން އުފެއްދުމަށް ބޭނުންވާކަން މިސްރުގެ ޚާރިޖީ ވަޒީރު މިހާ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދެއްކެވުމަކީވެސް މީގެތެރޭގައި ހިމެނޭކަމެކެވެ. މިސްރުން ދާދިފަހުންވަނީ އެޤައުމަށް އެހީވުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން ބާއްވަން އެމެރިކާ އުޅުނު އެހީދިނުމުގެ ބައްދަލުވުމެއްގައި ބައިވެރިވާން ބޭނުންނުވާކަންވެސް ހާމަކޮށްފައެވެ.
މިއީ މިސްރަށް ފައިސާދީގެން މިސްރުގެ ސިޔާސަތަށް ނުފޫޒު ފޯރުވުމަށް އެމެރިކާ ކުރިންވެސް ގެންގުޅުނު ސިޔާސަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް މުރާސިލުން ބުނެއެވެ. (އަލްޖަޒީރާ+އަލްއަހްރާމް)