މާލެ އާއި ހުޅުލެއާ ދޭތެރޭ އަޅުމަށް ނިންމާފައިވާ ބުރިޖު މަޝްރޫއާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންނަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީން ރައީސް ޔާމީނަށް މިއަދު ފޮނުވާފައިވާ ސިޓީގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންކަމުގެ ތެރޭގައި ބުރިޖު އެޅުމަށް ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބާ އިންޖިނިއަރިން އާ ހަވާލުކޮށްފައިވާކަން ފާހަގަކޮށް އެކުންފުންޏަކީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ވޯލްޑް ބޭންކުން 2017 ވަނަ އަހަރާ ހަމައަށް ބްލެކްލިސްޓް ކޮށްފައިވާ ކުންފުންޏެއްކަމަށް ފާހަގަކޮށްފައިވެ އެވެ.

"ބައިނަލް އަގްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުން ޤައުމުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވި ބްލެކް ލިސްޓްކުރެވިފައިވާ ކުންފުންޏަކާ މާލެ/ހުޅުމާލެ ބްރިޖު މަޝްރޫޢު ހަވާލުކުރުމުން ރައްޔިތުންނަށާއި ދިވެހިރާއްޖެ އަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ." އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި މިއަދު ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ގިނަވެފައިވާ ކަމަށާއި އެފަދަ ދަނޑިވަޅެއްގައި އެ ކުންފުންޏާ ބުރިޖުގެ މަސައްކަތް ހަވާލުކުރުމަކީވުމަކީ އެފަދަ ނޭދެވޭ އަމަލުތަކަށް ހިތްވަރު ލިބިދޭނެ ކަމެއްކަމުގައި އެމްޑީޕީގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަމުގައި ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބުރިޖްގެ މަޝްރޫއު ހަވާލުކުރާނެ ކުންފުންޏެއް ކަނޑައަޅައި އެކަމާ ގުޅޭ ލިއުމުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ވަނީ ސޮއެކޮށްފަ އެވެ. ނަމަވެސް ކޮން ކުންފުންޏެއް ހާމަކޮށްފައެއްނުވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ކުރިން ސަން އަށް ވިދާޅުވީ ކޮންޓްރެކްޓަރުގެ ނަން އިއުލާން ކުރާނީ އަދި ފަހުން ކަމަށާއި އެއްބަސްވުމުގައި ސޮއިކުރުމަށް ކޮންޓްރެކްޓަރު ރާއްޖެއަށް އަންނާނެ ކަމަށެވެ.

"... ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރު، މަޝްރޫއުގެ އަގަކީ. ދެން ކޮންޓްރެކްޓަރު ރާއްޖެއަށް ވެސް އަދި އަންނާނެ އެއްބަސްވުމުގައި ސޮއިކުރަން. މިއަހަރު ނިމުގެ ކުރިން ބްރިޖްގެ އަމަލީ މަސައްކަތް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބުރިޖްގެ މަޝްރޫއު ހަވާލުކުރާނެ ކުންފުންޏެއް ކަނޑައެޅުމަށް ޓަކައި ޗައިނާގެ ތިން ކުންފުންޏެއް ކުރިން ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ.

ޝޯޓްލިސްޓް ކުރި ތިން ކުންފުންޏަކީ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން، ޝީޒުއާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން އަދި ޗައިނާ ރެއިލްވޭ ބުރިޖް އެންޑް އިންޖިނިއަރިން އެވެ.