އައްޑޫ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރުމަތް ކަނޑާލި މީހަކު 15 ދުވަހަށް ޖަލަށްލުމަށް އެ ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ މާބުޅާގޭ ހަސަން އަހްމަދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ތަރިކައިގެ މައްސަލައެއްގެ ޝަރީއަތް އެ ކޯޓުގައި ހިނގަމުންދަނިކޮށް ބޭއަދަބީބަހުން މުއާމަލާތްކޮށް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީ އެވެ.

ޝަރީއަތް ހިނގަމުން ދަނިކޮށް ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފްވެ، ބޭއަދަބީ ބަހުން ވާހަކަ ދައްކަން ފެށުމުން ޝަރީއަތުގެ ހުރުމަށް ކަނޑާނުލުމަށާއި، ޝަރީއަތުގެ މަޖިލީހުގައި އެކަށީގެންވާ ގޮތަށް ރީތި ބަހުން ވާހަކަ ދެއްކުމަށް އޭނާއަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެހެންނަމަވެސް އަހްމަދު ހަސަން މެޖިސްޓްރޭޓްގެ އަމުރަށް އިޖާބާދީފައިނުވާ ކަމަށް އެ ހުކުމްގައި ވެއެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ.