އައިޖީއެމްއެޗްގައި ވިހެއި އަންހެނަކު، އޭނާ ވިހެއި ތުއްތު ފިރިހެން ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލުމަށްފަހު ފިލައިފިއެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި، މީގެ ހަތަރު ދުވަސް ކުރިން އައިޖީއެމްއެޗްގައި ވިހެއި އެ އަންހެން މީހާ "ޑިސްޗާޖް"ކުރުމުން އޭނާ ވަނީ، ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލުމަށް ފަހު ގޮސްފައެވެ. އަދި އެއަށްފަހު ހޮސްޕިޓަލަށް އެނބުރި އައި ނަމަވެސް އަނެއްކާވެސް އެމީހާ ވަނީ، ދަރިފުޅު ހޮސްޕިޓަލަށް ދޫކޮށްލާފައި ގޮސްފައެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު ޢަލީ ހަބީބު ވިދާޅުވީ، މީގެ ހަތަރު ދުވަސް ކުރިން އެ ހޮސްޕިޓަލްގައި ވިހެއި މީހަކު "ޑިސްޗާޖު"ކޮށްފައިވީ ނަމަވެސް އެމީހާ ވިހެހި ތުއްތު ދަރިފުޅު މިވަގުތު ހޮސްޕިޓަލްގައި އޮތީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"އެ ކުއްޖާއަށް ދަނީ ހޮސްޕިޓަލްފައި ފަރުވާދެމުން. ެކުއްޖާއާ ބެހޭ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ، ޖެންޑާ މިނިސްޓްރީގެ ފަރާތުން. ކުއްޖާގެ ހާލު ރަނގަޅު. ވޯޑުގައި އޮތީ. އިތުރު މައުލޫމާތު ދެއްވާނީ ޖެންޑާ މިނިސްޓްރީން،" ޒީނަތު ވިދާޅުވި އެވެ.

ކުއްޖާދޫކޮށްލާފައި މަންމަ ދިޔައީ ކީއްވެތޯ ސުވާލުކުރުމުން ޒީނަތު ވިދާޅުވީ، އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވާނީ ޖެންޑާ މިނިސްޓްރީން ކަމަށެވެ.

މިކަމާ ބެހޭގޮތުން ޖެންޑާ މިނިސްޓްރީން ބުނީ ވަކިވަކި މައްސަލަތަކާ ގުޅޭގޮތުން އެ މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ހިއްސާނުކުރާ ކަމަށެވެ.