17 Nov 2015, 20:09
އަންނަ ހޮނިހިރުދުވަހުގެ ރޭ ސްޕެއިން ލީގްގައި ރެއާލްމެޑްރިޑާއި ބާސެލޯނާ ކުޅޭ 'އެލް ކްލެސިކޯ' މެޗަކީ މުޅި ދަނޑު އެއްކޮށް ފުރާލާނެ މެޗަކަށްވާއިރު، ޕެރިހުގައި ދިން ޓެރެރިސްޓް ހަމަލާތަކާ ގުޅިގެން، އެ މެޗްގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކުރަން ހަމަޖައްސައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ފްރާންސްގެ ވެރިރަށް ޕެރިހުގެ އެކި ހިސާބުތަކަށް ބަޑި އާއި ބޮމުގެ ހަމަލާތަކެއްދީ، 129 މީހަކު މަރާލާފައިވާއިރު އެރޭ ދެވުނު ބޮމުގެ ހަމަލާތަކުގެ ތެރެއިން، ދެ ހަމަލާއެއް ދީފައިވަނީ ފެރިހުގައި ހުރި "ސްޓާޑް ޑެ ފްރާންސް" ސްޓޭޑިއަމްގެ ބޭރަށެވެ. ބޮމުގެ ހަމަލާތަށް ދިންއިރު، އެ ސްޓޭޑިއަމްގައި އެވަގުތު ފްރާންސް އާއި ޖާމަނީ ދިޔައި މެޗެއް ވެސް ކުޅެމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ މެޗް ކުޅެމުންދިޔަ ގަޑީގައި ޖާނުންފިދާވުމުގެ ހަމަލާއެއް ދިނުމަށް ހަށިގަނޑުގައި ބޮން ހަރުކޮށްގެން ހުރިމީހަކު ވަނީ އެ ސްޓޭޑިއަމަށް ވަންނަށް މަސަތްކަތް ވެސް ކޮށްފައެވެ. ނަމަވެސް ދަނޑުގެ ސެކިއުރިޓީން ވަނީ އޭނާ ހުއްޓުވާފައެވެ.

ރެއާލް މެޑްރިޑްއާ ބާސެލޯނާގެ މެޗް ކުޅުމަށް ހަމަޖެހިފައިވާ މެޑްރިޑްގެ ބާނަބިއު --- ފޮޓޯ
މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ގައި ކުޅުމަށް ތައްޔާރުވަމުންދާ އެލް ކްލެސިކޯ މެޗަކީ ދުނިޔޭގައި މިވަގުތު ފުޓްބޯޅައަށް ސަޕޯޓްކުރާ ހުރިހާފަރާތް ތަކުގެ ލޯ އަމާޒްވެފައިވާ މެޗަށްވާއިރު ސްޕެއިން އެފްއޭގެ އޮފިޝަލަކާ ހަވާލާދީ އޭއެސް ނޫހުން ބުނީ، އެ މެޗަށް ހާއްސަ ސަމާލުކަމެއް ދީގެން މެޗްގެ ސެކިއުރިޓީ ބަލަހައްޓާނެ ކަމަށާއި ސަޕޯޓަރުންގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރާނެ ކަމަށެވެ.
"އެންމެ ކުޑަމިނުން ދަނޑަށް ވައްދާ ސޭންޑްވިޗް ވެސް ބަލައިފާސްކުރާނެ. ސެކިއުރިޓީ ގޮތުން ޔަގީންކުރަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި. މިކަހަލަ ހުރިހާ މެޗަކީ ވެސް ވަރަށް ރިސްކް ހައި މެޗުތަކަށް ވާއިރު ހުރިހާ ފަރާތްތަކުގެ އުޅުމަށް ވެސް ބަލާނެ،" އޮފިޝަލް ބުންޏެވެ.
ލަލީގާގެ ރައީސް ހާވިއާ ޓެބަސް ބުނީ، ދުނިޔޭގެ އެކި ހިސާބުތަކުން ޓީވީއިން ވެސް ބިލިއަނަކާ ގާތް ކުރާ އަދަދަކަށް މީހުން އެ މެޗް ބަލާނެ ކަމަށާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ރައްކާތެރެކަމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅާނެ ކަމަށެވެ.
އެ މެޗަށް ނިކުންނައިރު ދުނިޔޭގެ އެންމެ ބޮޑު ދެ ކުލަބް، ބާސެލޯނާ ކުޅުނު 11 މެޗުން 27 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 11 މެޗުން 24 ޕޮއިންޓެވެ.