އަންނަ އަހަރުން ފެށިގެން ގްރޭޑް އެކަކައަށް ވަންނަ ދަރިވަރުންގެ ހާލަތާއި ރައްކާތެރިކަން ބެލުމަށް "އާލީ ރިސްކް އެސެސްމެންޓް" އެއް ހެދުމަށް ހަމަޖައްސައިފި އެވެ.

ޓީވީއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ގާއިމު ކުރުމަށް ނިންމާފައިވާ އެ އެސެސްމެންޓަކީ ދަރިވަރުގެ ދިރިއުޅުމަށް ކުރިމަތި ވެފައިވާ ދަތިތައް ދެނެގަތުމަށް ކުރިއަށް ގެންދާ އެސެސްމެންޓެއް ކަމަށެވެ.

"ދަރިވަރުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަތުމަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެސެސްމެންޓުގެ ސަބަބުން ސްކޫލުގެ މާހައުލުގެ ތެރެއިން ދަރިވަރަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެވޭނެ. އެ މައުލޫމާތުތަކުގެ ސަބަބުން ސްކޫލު ސިސްޓަމްގެ ތެރޭގައި އެ ކުދިންނަށް އެހީތެރިވެވިދާނެ ގޮތްތައް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

އާއިޝަތު ޝިހާމް ވިދާޅުވީ، ދިރިއުޅުމުގައި ދަތިކަން ކުރިމަތިވެފައިވާ ކުދިންގެ މައިންބަފައިންނާ ވާހަކަ ދައްކައިގެން އެކަންކަން ހައްލުކުރުމުގެ ފުރުސަތު، ރިސްކް އެސެސްމެންޓް ގާއިމް ކުރުމުން ލިބިގެންދާނެ ކަމަށެވެ. އެފަދަ މައްސަލަތަކަށް ހާއްސަކޮށްގެން ސްކޫލުތަކުގައި "މެންޓާސް"ގެ ގޮތުގައި ބެލެނިވެރިން ތަމްރީނުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގްރޭޑް އެކެއްގެ ކުދިންގެ އިތުރުން އެހެން ގްރޭޑްތަކުގެ ކުދިންނަށްވެސް އެފަދަ ހަރަކާތެއް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.