17 Nov 2015, 17:28
'އެނަރޖީ އެފިޝެންސީ ފޮޓޯގްރަފީ' ގެ ނަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީގެ ފަރާތުން ބާއްވާ ފޮޓޯ ނަގާ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ވީހާ ވެސް ގިނަ ފަރާތްތަކަށް ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ފޮޓޯ ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 13 ވާ އާދިއްތަ ދުވަހުގެ 12:00 އަށް އިތުރުކޮށްފައެވެ. އެހެންނަމަވެސް މި މުބާރާތަށް ކުރިން ފޮޓޯ ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޮޓޯ ހުށަހަޅަން ނުޖެހޭނެއެވެ.
" އެ މުބާރާތުގައި ބައިވެރިވާ ފަރާތްތަކަކީ ކޮންމެހެން ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނަށް ވާންނުޖެހޭ. ހަމަ ފޯނުން ވެސް ފޮޓޯ ނަގާފައި ފޮނުވިދާނެ،" އެންވަޔަރަންމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ. މުބާރާތުގެ ތީމާއި ގުޅޭ، ފޮޓޯތަކުގެ ރިޒޮލިއުޝަން 70 ޑީޕީއައި އަށްވުރެ ދަށްނޫން ކޮންމެ ފޮޓޯ އެއް ފޮނުވިދާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
އެ މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖެހިފައިވަނީ މިއަހަރުގެ ހަކަތައިގެ ދުވަހު އިފްތިތާހު ކުރެވުނު ޝިއާރުކަމުގައިވާ "ލެޑް ސޭވްސް" އެވެ. މިތީމްގެ ދަށުން ފޮޓޯތަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަ ކެޓަގަރީއަކަށް ބިނާކޮށެވެ. އެ ކެޓަގަރީ ތަކަކީ
ކުރީގައި ބޭނުންކުރި ދިއްލުންތައް
- ޒީނަތްތެރިކުރުމަށް ދިއްލާ ދިއްލުންތައް
- އިމާރާތުގައި ގުދުރަތީ އަލި ބޭނުންކުރުން
- އިމާރާތްތަކުގެ ދިއްލުންތައް
- އިޖުތިމާޢީ ސަރަޙައްދުގެ ދިއްލުންތައް
- ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް އައި ތަރައްޤީ
އެ މުބާރާތަށް ހުށަހެޅޭ ހަމައެކަނި ދިވެހިރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ މުބާރާތަކީ ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެއްޓާއި ރައްޓެހިގޮތުހައި ހަކަތަ ބޭނުންކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން އާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤުސަދުގައި ބޭއްވޭ މުބާރާތެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
އެ މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 32 އިންޗީގެ ޓީވީއެއް، ދެވަނައަށް ހޮވޭ ފަރާތަކަށް ސެމްސަންގ ގެލެކްސީ ޓެބް އީ 9 އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް ސެމްސަންގް ހޯމްތިއޭޓަރ ސިސްޓަމެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމެންޓުން ބުނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ކެޓަގަރީ އަކުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ޓެބް 3 ނިއޯއެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެމުބާރާތުގެ އިނާމްތައް ސްޕޮންސަރ ކޮށްފައިވަނީ އެސްޓީއޯ އިންނެވެ.