ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު ނައިލޯނުގެ، އަހްމަދު އަޝްރަފް (ޝުމްބާ ގޮންގު) ގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ފުލުހުންފެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝުމްބާގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކުރީ މިއަދު ކަމަށެވެ.

"ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ޅ. ހިންނަވަރު ނައިލޯނުގެ އަހްމަދު އަޝްރަފްގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް ވަނީ އިތުރުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންނާއި ސްރީލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި މިމަހުގެ ފުރަތަމަ ދުވަހު އެވެ.

ޝުމްބާ ގޮންގްއާ ބެހޭގޮތުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ.

ޝުމްބާ ގޮންގް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓެކެވެ. އަދީބު ހައްޔަރު ކުރުމާ ގުޅިގެން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިޔައި ގިނަ ޓުވީޓްތަކެއް ކޮށްފައެވެ.