19:00


އިންޑިއާގެ ސަރުކާރުން ހަދިޔާކުރާ ހެލިކަޕްޓަރ ރަސްމީކޮށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާ މިއަދު ހަވާލުކޮށްފި އެވެ.


އިންޑިއާގެ އަސްކަރިއްޔާގެ ދުރޫވް މަރުކާގެ ހެލިކޮޕްޓަރ އެމްއެންޑީއެފް އެއަރވިންގަށް ހަދިޔާކުރީ މިއަދު ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.


އެ ރަސްމީޔާތަށް ފަހު ނޫސްވެރިންނާއި މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަމީން ފައިސަލް ވިދާޅުވީ އިންޑިއާގެ ސަރުކާރާއި ދިވެހި ދައުލަތާ ދެމެދު އޮތް ގުޅުމުގެ ހަރުދަނާކަން ފެނިގެންދަނީ ދިވެހި އަސްކަރިއްޔާއަށް އަބަދުވެސް އިންޑިއާގެ ސަރުކާރުން ދޭ އެއްބާރުލުމުން ކަމަށެވެ. އަދި މުސްތަގުބަލުގައި އެމްއެންޑީއެފްގެ އެއަރވިންގަށް އިތުރު ހެލިކޮޕްޓަރުތަކެއް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭނެ ކަމަށް އަމީން ފައިސަލް ވިދާޅުވި އެވެ. އަދި ދިވެހި ސިފައިންގެ ތެރޭގައި މިހާރު ވެސް ހަތަރު ޕައިލެޓުން އެބަތިބި ކަމަށާއި އިރުތު ޕައިލެޓުން ތަމްރީން ކުރުމަށްޓަކައި އިންޑިއާ އަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވެސް އަމީން ފައިސަލް ވިދާޅުވި އެވެ.