17 Nov 2015, 16:39
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ކިނބިދޫ ދާއިރާގެ ޖޭޕީ މެމްބަރު އަބްދުﷲ ރިޔާޒު "ސަން"އަށް މިއަދު ވިދާޅުވީ ރައީސާ ބައްދަލުކޮށް މަޝްވަރާ ކުރެއްވީ ޖޭޕީގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ދާއިރާތަކުގެ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕުރޮގުރާމް (ޕީއެސްއައިޕީ) ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމަށެވެ. އަދި އެކަންކަން ރިވައިޒް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ރައީސް ވިދާޅުވި އިކޮނޮމިކު ޔޫތު ކައުންސިލް [އީވައިސީ]އާ އެކަންތައްތަކާ މަޝްވަރާ ކުރައްވާނެ ކަމަށް. އަދި ވާން އޮތް ކަމެއް ވިއްޔާ އެމަނިކުފާނު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި،" ރިޔާޒު ވިދާޅުވި އެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އެސްއައިޕީގެ މަޝްރޫއުތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާގެ ތެރެއިން އާއްމު ބަޖެޓުން ހޭދަ ކުރުމަށް ކަނޑައަޅާފައި ވަނީ 5.2 ބިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ލޯނު އެހީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީއާ ޓުރަސްޓު ފަންޑުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.