17 Nov 2015, 16:16
އަންނަ އަހަރު ފެށޭއިރު ހދ. ކުޅުދުއްފުށީގައި އަރަބި މީޑިއަމަށް ކިޔަވައި ދޭ ސްކޫލެއް ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝީހާމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގައި މިއަދި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ކުޅުދުއްފުށީގައި އަރަބި މީޑިއަމަށް ކިޔަވައި ދޭން ފަށާއިރު ކުރިއަށް އޮތް މުސްތަގުބަލުގައި ރާއްޖޭގެ ގިނަ ސަރަހައްދެއްގައި އަރަބި މީޑިއަމްގެ ސްކޫލުތަކެއް ހުޅުވާނެ ކަމަށެވެ.
"އަރަބި މީޑިއަމްގެ ގިނަ ސްކޫލުތަކެއް ހުޅުވުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުން. އެއާ ގުޅިގެން މިހާރު ވެސް ދެ ސްކޫލެއް ވަނީ ހުޅުވާފައި. އެގޮތުން މާލޭގައި އަރަބިއްޔާ ހުޅުވާފައިވާއިރު އައްޑޫގައި މިއަހަރު ވަނީ އަރަބި މީޑިއަމަށް ކިޔަވައިދިނުމަށް ނޫރާނީ ސްކޫލު ހުޅުވާފައި،" އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ދަރިވަރުންގެ ކިބައިގައި އިސްލާމިއްޔަތާއި ގައުމިއްޔަތު އަށަގެންނެވުމަށްޓަކައި އަރަބި މީޑިއަމްގެ ސްކޫލުތައް ހުޅުވާއިރު ސްކޫލުތަކުގައި އަރަބި ބަހާއި ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
މިނިސްޓަރު ވިދާޅުވީ ގުރުއާނާއި އަރަބި ކިޔަވައިދިނުމަށް ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން އިސްލާމިކް ޔުނިވާސިޓީ އާ ގުޅިގެން ގުރުއާނާއި އަރަބި ކިޔަވައިދިނުމަށް 5،000 ޓީޗަރުން ތަމްރީން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާފައިވަނީ ވޭތުވެ ދިޔަ އަހަރުގައެެވެ. އެއާއެކު ރާއްޖޭގެ ބައެއް ސްކޫލުތަކުގައި އަރަބި ވެސް ދަނީ ދަސްކޮށްދެމުންނެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގެ 41 ސްކޫލުގައި އަރަބި ކިޔަވައިދެމުން އަންނަ ކަމަށެވެ.