ޗެންނާއީ (ނޮވެމްބަރު 17): އިންޑިއާގެ ދެކުނުގެ ޓެމިލްނާޑޫ ސްޓޭޓަށް މިފަހަކަށްއައިސް ނުކުރާ ވަރުގެ ވަރުގަދަ ވިއްސާރައެއް ކުރުމުގެ ސަބަބުން އެ ސްޓޭޓްގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ އެތަންތަނުގައި ދިރިއުޅުމުގެ ހަރަކާތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އެ ސްޓޭޓްގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ވިއްސާރައިގެ ގެއްލުން އެންމެ ބޮޑަށް ލިބިފައިވަނީ ވެރިރަށް ޗެންނާއި އަށާއި އެ ސިޓީގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށެވެ. މި ސަރަހައްދުތަކުގެ ފިހާރަތަކާއި ސްކޫލްތަކާއި އޮފީސްތަކަށް ފެންވަނުމުގެ ސަބަބުން އެތަންތަންވަނީ ބަންދުކޮށްފަ އެވެ. އަދި ގިނަ ސަރަހައްދުތަކުން ކަރަންޓާއި މުވާސަލާތީ ޚިދްމަތްތައް ވެސް ވަނީ ކަނޑައިގެންގޮސްފަ އެވެ. މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައްވެސް ބަންޑުންވެ ބޮޑުވެފައިވާ ފެންގަނޑު ބައެއް ސަރަހައްދުތަކުގައި ދެމީޓަރަށް އަރާކަމަށްވެ އެވެ. ނަތީޖާއެއްގެ ގޮތުން 71 މީހުން މަރުވެ އެތައް ބަޔަކު ގެއްލި ފަގީރުންގެ އެތަށް ހާސް ޖިފުޓިއެއްވަނީ މުޅިން ހަލާކުވެފަ އެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާ ބުނާގޮތުން މިހާރުވެސް ޓެމިލްނާޑޫގެ ބައެއް ސަރަހައްދުތަކަށްދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި އެ ސްޓޭޓްއާ އިންވެގެންވާ އަންދުރާ ޕްރަދޭޝް އާއި ކަރުނާޓަކާގެ ބޮޑުބައަކަށް ވެސް މާދަމާ ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ވިއްސާރައިގެ ސަބަބުން ޓެމިލްނާޑޫގެ ތިންލައްކަ އަށްވުރެ ގިނަމީހުން ޙާލުގައި ޖެހިފައިވާއިރު ހާލުގައި ޖެހިފައިވާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމާއި އެމީހުންނަށް ކޯބާތަކެއްޗާއި ވަގުތީ ހިޔާވަހިކަން ދިނުމަށް އެ ސްޓޭޓްގެ ލޯކަލް ސަރުކާރުވަނީ ނުކުޅެދިފައެވެ.

ވިއްސާރައިގެ ސަބަބުން އުފެދިފައިވާ ފެންގަނޑު ނަޖިސްވުމުގެ ސަބަބުން ބޭރަށް ހިންގުމާއި ހުމުގެ ބަލިތައް ފެތުރިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެންގަނޑުގެ ސަބަބުން އެމީހުން އެކަހެރިވެ އެހީދޭ ފަރާތްތަކަށް އެމީހުންނާ ހަމައަށް ދިޔުން އުނދަގޫ މައްސަލައެވެ. (އިންޑިޔަން އެކްސްޕްރެސް)