17 Nov 2015, 14:29
ސިވިލްސާވިސް މުވައްޒަފުން ސަލާމުގައި ހުންނަ ދުވަސްތަކުގައި ސާވިން އެލަވަންސުން އުނިކުރަންޖެހޭނެ ކަމަށް ސިވިލް ސާވިސްގެ ގަވާއިދުގައި ބުނާ މާއްދާ ހައިކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.
އެ މާއްދާ ހައިކޯޓުން ބާތިލްކޮށްފައި ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފެއްކަމުގައިވާ ސ. ހިތަދޫ މެރިންގޯލްޑް ހުސައިން ހަބީބު ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު މިއަދު އެވެ.
ދައުލަތުގެ ބަންޑާރަ ނައިބު ވެސް ވަނީ ހުސައިން ހަބީބު ހުށަހެޅުއްވި މައްސަލައަށް ޝަރީއަތުގެ މަޖިލީހުގައި ތާއީދުކޮށްފައެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ރ) ގައި، ކޮންމެ މީހަކަށްމެ އުޖޫރައާއެކު ލިބޭ ޗުއްޓީ ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
ގާނޫނުއަސާސީގެ އެ މާއްދާގައި ބަޔާންކުރާ ފަދައިން ވަޒީފާއަދާކުރާ މުވައްޒަފުންނަށް ހައްގުވާ ޗުއްޓީތަކަކީ ކޮބައިކަން ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންވެގެން އޮންނަކަމަށާއި އެއީ ބަލިވެގެން ސަލާމް ބުނުމުގެ ޗުއްޓީއާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި މަޔަކަށް ނުވަތަ ބަފަޔަކަށްވުމުން ލިބޭ ޗުއްޓީއާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމުންދެވޭ ޗުއްޓީއާއި ޚިތާނުކުރުމާ ގުޅިގެންދޭ ޗުއްޓީ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
މުވައްޒަފަކު ބަލިވެގެން އެ މުވައްޒަފަކު ޚިދުމަތްކުރާ ކޮންމެ އަހަރަކު، ސަލާމު ޗުއްޓީގެ ގޮތުގައި މުސާރަލިބޭގޮތަށް، ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް މުވައްޒަފަށް ލިބުމަކީ ހައްގެއްކަން ސާފު އިބާރާތުން އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.