17 Nov 2015, 16:09
މުޖުތަމައިން އެކަހެރިކޮށް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ހައްގަކީ ބޮޑު އެއްޗެކެވެ. މުޖުތަމައުގެ ހައްގަށް ވުރެ އެ މީހުންނަށް ލިބެންޖެހޭ ހައްގުގެ އަޑު އަބަދުވެސް އޮންނަނީ ގަދަވެފަ އެވެ. ޖިނާއީ ބޮޑެތި ކުށްތައް ކުރުމުން ތޭރިތަކުގެ ފުރަގަހުގައި ތިބެންޖެހޭ މީހުން "އިއްޒަތުގައި" އުޅޭ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކަތަކެކެވެ.
ސަރުކާރުން އެ ވާހަކަތައް ދައްކަން ބޭނުމެއް ނުވެ އެވެ. ނަމަވެސް އޮޅުމަކުން ނަމަވެސް މިއަދު އެ ވާހަކަ ތިލަވެއްޖެ އެވެ. ގައިދީއަކަށް އަހަރެއްގެ މައްޗަށް ހަރަދުވާ އަދަދު ހާމަވެއްޖެ އެވެ.
ޕީޕީއެމްގެ ސަރުކާރަށް ދެ އަހަރުވުމުން ސަރުކާރުގެ ކާމިޔާބީ މީޑީއާއާ ހިއްސާ ކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިއަދު ވިދާޅުވީ ޖަލުގައި ބަންދުކޮށްފައި ތިބޭ ކޮންމެ މީހަކަށް އަހަރެއްގެ މައްޗަށް 160،000 ރުފިޔާ ހަރަދުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުން އެއިން ކޮންމެ ގައިދީއަކަށް މަހެއްގެ މައްޗަށް 13،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ. އެއީ ޑިގްރީއެއް ނަގައިގެން ސަރުކާރު ވަޒީފާއަކުން ލިބޭ މުސާއަރަ އެވެ. މަތީ ތައުލީމު އުނގެނިގެން ހޯދި ވަޒީފާއިން ލިބޭ މުސާރަ އާއި ތޭރިތަކުގައި ބަންދުވެފައި އޮތް މީހާގެ ހަރަދާ އެއްވަރުވީ އެވެ.
ޖިނާއީ ބޮޑެތި ކުށްކުރުމުން، އަދަބު ލިބެންޖެހޭ މީހުންނަށް އެފަދަ ފައިސާގެ ހަރަދެއް ހައްގުވާނެތޯ އެވެ. ކުށުގެ އަދަބު އިހްސާސް ނުވާ ދަރަޖައަށް ހަރަދު ކުރަންވެއްޖެނަމަ، މުޖުރިމުންނަށް ތިބޭނީ އުހުގަ އެވެ. މާދަމާ މުޖުތަމައުއަށް ނުކުމެ ދެ ވަނަ ފަހަރަަށް ކުށަށް އަރައިގަންނަން ޖެހިލުމެއް ނުވާނެ އެވެ.
މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި ގޮތުން ސްކޫލް ކޮންމެ ދަރިވަރަކަށް ތައުލީމު އުނގެނުމަށް ކޮންމެ އަހަރަކު ހަރަދު ކުރަނީ 29،000 ރުފިޔާ އެވެ. އެއީ ގައިދީއެއްގެ ބޮލަށް ޖެހޭ އަދަދުގެ އެންމެ 20 ޕަސެންޓެވެ.
"އަޅުގަނޑުމެންގެ ތައުލީމީ ދާއިރާގައި މިހާރު ކުއްޖަކަށް އަހަރަކު ކިޔަވައިދިނުމަށް މި ހޭދަވަނީ 29،000 ރުފިޔާ. ހަމަ އެއާއެކުއެކީގައި އަޅުގަނޑުމެންގެ ޖަލުގައި ތިބި މީހުންގެ ކަންތައް ބަލަހައްޓަން ކޮންމެ މީހެއްގެ ބޮލަކަށް އަޅުގަނޑުމެން އަހަރަކު އެބަ ހޭދަ ކުރަން 160،000 ރުފިޔާ. އެއީ ގާތްގަނޑަކަށް 500 ޕަސެންޓު ތަފާތެއް އެބަ ހުރި. އެހެންވީމާ ތައުލީމީ މެނިފެސްޓޯގެ ބޭނުމަކީ ކުދިންނަށް ހޭދަވާ ބައި އަޅުގަނޑުމެންނަށް ރަނގަޅު ގޮތުގައި ބޭނުން ކުރެވިއްޖެ ކަމުގައި ވާނަމަ އިރާދަފުޅު ކުރެއްވިއްޔާ މުޖުތަމައުގައި ހުރި ދަތިތައް ކުޑަ ކުރެވިގެންް ދާނެ،" ޑރ. އައިޝަރު ޝިހާމް ވިދާޅުވި އެވެ.
ގައިދީންނަށް ކުރާ ހަރަދު ކުޑަކޮށްފިނަމަ، އެ މީހުންނަަށް "ޢަނިޔާވެރި" ވަނީ ކަމަށް ވެސް ބަޔަކު ބުނެފާނެ އެވެ. އެ މީހުން އެ ދައްކާ ވާހަކައަކީ ތެދަކަށް ވެސް ވެދާނެ އެވެ. ކުށެއް ކުރުމުން އުފުލާއި އަރާމު ދީގެން ނުވާނެ އެވެ. ކުށުގެ ރައްދަކަށް ވާންޖެހޭނީ އަދަބެވެ. އެއީ އަޅުގަނޑުމެން ބަލައިގެންފައިވާ ނިޒާމުގެ އުސޫލެވެ. އެ އުސޫލުން ބޭރުވެއްޖެނަމަ އިންސާފު ލިބެންޖެހޭ މީހުންނަށް ލިބޭނީ ބޭއިންސާފެވެ.