ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލުކަމުން އަހްމަދު ތާލިބު ވަކިވެއްޖެ އެވެ.

ތާލިބު މިއަދު ސަން އަށް ވިދާޅުވީ އަދީބުގެ ގާނޫނީ ވަކީލުކަމުން އޭނާ ވަކިވީ ހާލަތު އޮތްގޮތުން އެމަނިކުފާނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވެން ނެތުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަން ކުރިން ނިންމީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ލިބިފައިވާ ހައްގަކަށްވާތީ ތަހުގީގު މަރުހަލާގައި އަދީބަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

"މި ސިޓުއޭޝަންގައި އަޅުގަނޑަށް އަހްމަދު އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވެންނެތް،" ތާލިބު ވިދާޅުވި އެވެ.

އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލީ ނަދީމް ވެސް ވަނީ އޭނާގެ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވަނިކޮށް އަދީބުގެ ގާނީނޫނީ ވަކީލުކަމުން ވަކިވެވަޑައިގެންފަ އެވެ.

އަދީބުގެ ގާނޫނީ ޓީމްގެ އިސް ވަކީލު ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މިހާރު އަދީބުގެ ގާނޫނީ ވަކީލަކަށް އައްޔަންކޮށްފައި ވަނީ ގާނޫނީ ވަކީލު މޫސާ ސިރާޖު އެވެ.

ސިރާޖު ވިދާޅުވީ އޭނާ އަންނަނީ ކޮންމެ ދުވަހަކު ވެސް އަދީބާ ބައްދަލުކުރަމުން ކަމަށެވެ.