17 Nov 2015, 12:49
ކުޑަކުދިންގެ ހިޔާއަށް ގެނެވޭ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ހިންގުމާ ހަވާލުވެހުންނެވި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނިލް ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް ގެނެވޭ ކުދިންގެ އަދަދު އިތުރުވަނީ ހުށަހެޅޭ މައްސަލަތައް ވެސް އިތުރުވެފައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ކުޑަކުދިންގެ ހިޔާގައި ޖުމްލަ 117 ކުދިން އެބަތިބި ކަމަށާއި އޭގެ ތެރޭގައި ސްކޫލަށްދާ އުމުރުގެ 53 ކުއްޖަކާއި ޕްރީސްކޫލް އުމުރުފުރާގެ 28 ކުއްޖަކު ހިމެނޭ ކަމަށެވެ.
"މި ހުރިހާ ކުދިންނަށް ވެސް ސްކޫލަށް ދިޔުމުގެ ފުރުސަތު އަދި ތައުލީމް އުނގެނުމުގެ ފުރުސަތު އަޅުގަނޑުމެން މިވަނީ ފަހިކޮށްދީފައި،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޑަކުދިންގެ ހިޔާއަށް އެންމެ ގިނައިން މިގެނެވެނީ އެކުދިންގެ އާއިލާގެ ނުވަތަ ބަލަދުވެރިންގެ ފަރާތުން އިހުމާލުވެފައިހުރުމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ކުދިން ކަމަށެވެ. އެގޮތުން އެފަދަ ގާތްގަނޑަކަށް 45 ކުދިން ކުޑަކުދިންގެ ހިޔާގައި އެބަތިބި ކަމަށް އަނިލް ވިދާޅުވި އެވެ.
ބަލާނެ އެއްވެސް ފަރާތެއް ނެތް ގާތްގަނޑަކަށް 30 ވަރަކަށް ކުދިން ތިބި އިރު، ޖިންސީ އަނިޔާ ލިބިގެން 14 ކުއްޖަކު އަދި ޖިސްމާނީ އަނިޔާ ލިބިގެން 15 ކުއްޖަކު ކުޑަކުދިންގެ ހިޔާގައި އެބަތިބި ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
"މިގޮންޖެހުމާ އެކީގަ ވެސް މުވައްޒަފުން ވަރަށް ހިތްވަރުލައިގެން އިތުރު މަސައްކަތްތަކެއް ކޮށްގެން އެކުދިންނަށް ދުވަހުން ދުވަހަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް، އާއިލާއެއްގެ ތެރޭގައި ލިބިދޭން ޖެހޭ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެމުން އެގެންދަވަނީ. އޭގެތެރޭގައި އެކުދިންގެ ތައުލީމާއި ސިއްހަތާއި ދިރިއުޅުން ބައްޓަންކުރުމުގެ ގޮތުންނާއި މުނިފޫހިފިލުވުމާ ކުޅިވަރު ހިމެނޭ،" އަނިލް ވިދާޅުވި އެވެ.
ފާއިތުވި އެއް އަހަރުތެރޭ ރަނގަޅު ހެޔޮބަދަލުތަކެއް ކުޑަކުދިންގެ ހިޔާއަށް އައިސްފައިވާ ކަމަށާއި އެބަދަލުތަކުގެ މޭސްތިރިއަކީ ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ފާތިމަތު އިބްރާހީމް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
"ދުވަހުން ދުވަހަށް ކުރިއަށްގެންދާ އެކިއެކި ކަންތައްތަކަށް މެޑަމް ފާތުންގެ އެހީތެރިކަން ލިބެމުންދޭ. އެކަމަނާގެ އަގުވަޒަންކޮށް އަޅުގަނޑު އެކަމަނާއަށް ޝުކުރު ދަންނަވަން،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރާ ކުޑަކުދިންގެ ހިޔާގެ މަސައްކަތް މިހާރު އަންނަނީ ނިމެމުން ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެތަނުން ޚިދުމަތްދޭން ފެށޭނެ ކަމަށެވެ. އެގޮތުން ވިހެއިއްސުރެ ނުވަ އަހަރުވަންދެން ކުދިން ބައިތިއްބާނީ ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ކަމަށާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބައިތިއްބާނީ ހަމައެކަނި 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.