17 Nov 2015, 12:36
ގދ. ތިނަދޫ ކައުންސިލް އިދާރާއަށް ވަގުތީ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް ކުރި އިއުލާނާ ގުޅުގެން ކުރިމަތިލީ ފަރާތްތަކުގެ ތައުލީމަށް ނުބަލައި ޕާޓީ އަށް ބަލައިގެން ވަޒީފާ ދީފައިވާތީ ތިނަދޫ ކުރީގެ ފަސް ކައުންސިލަރެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ ތަހުގީގުކުރި އިރު، ގަވާއިދާ ޚިލާފަށް ވަޒީފާދިނުމަށް ނިންމީ މުޅި ކައުންސިލުންކަން އެނގޭ ކަމަށެވެ.
އޭސީސީގެ ބަޔާނުގައި ވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ ކުރިމަތިލީ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ އަށް ބަލާ އިރު އެ މަގާމަށް އެންމެ ގާބިލު ފަރާތް ނޫން ކަމަށެވެ.
ވަޒީފާ އަށް ހޮވި މީހާއަށް ވަޒީފާދީފައި ވަނީ އޭނާގެ އާއިލާގެ މީހުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންކަމަށްވާތީ ކައުންސިލަރުންގެ ބާރާއި ނުފޫޒުން ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ކުރި އެ އިއުލާނާ ގުޅިގެން، ވަޒީފާއަށް މީހަކު ހަމަޖައްސާފައި ވަނީ އިއުލާނުގައި ބުނެފައިވާގޮތުގެމަތިން ތައުލީމާއި ތަޖުރިބާ އާއި އިންޓަވިއުއަށް ބަލައިގެންނޫން ކަމަށެވެ.
ތިނަދޫ ފަސް ކައުންސިލަރުން ސޮއިކޮށް އެންމެ މަތީ މާކްސް ލިބިފައިވާ މީހާ ކަމަށް ބުނެފައިވާ މީހާ އަކީ ތައުލީމީގޮތުން އެންމެ ގާބީލް މީހާ ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެވަޒީފާ ހަމަޖައްސާފައި ވަނީ ސިވިލްސާވިސްގެ ވަޒީފާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން ވެސް ތާފާތު އެކި މައްސަލަތަކުގައި ތިނަދޫ ބައެއް ކައުންސިލަރުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވެ އެވެ.