17 Nov 2015, 11:51
ރައީސް ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަމުން އަންނަ އިރު، ވޭތުވެދިޔަ ދެ އަހަރު 799 މިލިއަން އެމެރިކާ ޑޮލަރުގެ 55 އިންވެސްޓްމެންޓް ރަޖިސްޓަރީކޮށްދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ވޭތުވެދިޔަ ދެ އަހަރު އިކޮނޮމިކް މިނިސްޓްރީން ކާމިޔާބުކުރި މަސައްކަތްތައް ފާހަގަކޮށް ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އެ 799 މިލިއަން ޑޮލަރަކީ ފަތުރުވެރިކަމުގެ ސިނާއަތް ފިޔަވައި އެހެނިހެން ސިނާއަތްތަކުން ރާއްޖޭގައި އިންވެސްޓްކުރާނެ ފައިސާ ކަމަށެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ޓުއަރިޒަމް ސިނާއަތުގެ އިންވެސްޓްމަންޓްތައް އެ މިނިސްޓްރީން ރަޖިސްޓަރީކުރަން ފެށިފަހުން ޓުއަރިޒަމް ސިނާއަތުގެ 47 އިންވެސްޓްމަންޓް ރަޖިސްޓަރީކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމަތުދެ އެވެ. އަދި އެ އިންވެސްޓްމެންޓްތަކުން 1.056 ބިލިއަން އެމެރިކާ ޑޮލަރު އިނީޝިއަލް އިންވެސްޓްމެންޓްގެ ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރަން ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި ކުރެވޭ ބޮޑެތި އިންވެސްޓްމެންޓްތަކުގެ ތެރެއިން އެއާޕޯޓުގެ ތަރައްގީ ކުރުމުގެ މަޝްރޫއަށް 800 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.