17 Nov 2015, 11:42
ރެއާލްގެ ކޯޗް ކަމާ ހަވާލުވި ރަފާ ބެނިޓޭޒްއާއެކު ރެއާލްއަށް އެއްވެސް ކާމިޔާބެއް ނުލިބޭނެ ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގާތު އެޓީމުގެ ކްރިސްތިއާނޯ ރޮނާލްޑޯބުނެފިއި ވާކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ސްޕެއިންގެ ދުވަހު ނޫހެއް ކަމަށްވާ 'އެލް ކޮންފިޑެންޝިއަލް' ގައި ބުނެފައިވަނީ މި މަހު 9 ވަނަ ދުވަހު ސްޕެނީޝް ލީގުގައި ސެވިއްޔާ އަތުން ރެއާލް ބަލިވުމަށްފަހު ބެނިޓޭޒްއަށް އެކަން ކުރެވޭނެ ކަމާމެދު ސުވާލު އުފައްދައި ޕެރޭޒްގެ ގާތުގައި ވާހަކަ ދައްކާފައިވާ ކަމަށެވެ.
އެ މެޗަކީ މިސީޒަންގައި ރެއާލް ބަލިވި ފުރަތަމަ މެޗެވެ.
"މިކޯޗާއެކު އަހަރެމެންނަށް އެއްވެސް ކާމިޔާބެއް ނުލިބޭނެ" ރޮނާލްޑޯ ރެއާލްގެ ރައީސްގެ ގާތު ބުނެފައިވާކަމަށް 'އެލް ކޮންފިޑެންޝިއަލް' އިން ބުނެފައިވެއެވެ.
ލިވަޕޫލްއާ އެކު 2005 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ބެނިޓޭޒްއާ މެދު ރޮނާލްޑޯ ހިތް ހަމަނުޖެހެނީ އެޓޭކިން ފުޓްބޯލައަކަށްވުރެ ބޮޑު ސަމާލުކަމެއް ޑިފެންސް ކުރުމަށް ދޭތީ ކަމަށް 'އެލް ކޮންފިޑެންޝިއަލް' ގައި ބުނެފައިވެއެވެ.
ރޭއާލްގެ ޑިފެންސިވް ގޭމާ ބެހޭގޮތުން ރޮނާލްޑޯ ވާހަކަ ދެއްކިއިރު މިސީޒަންގައި މިހާތަނަށް ރެއާލް ކޮޅަށް ވަދެފައިވަނީ ހަތް ލަނޑެވެ.
އެނޫހުން އިތުރަށް ބުނެފައިވަނީ މިފަހަކަށް އައިސް ރޮނާލްޑޯއާ ރެއާލްއާ އޮތް ގުޅުން އެހާ ރަނގަޅު ނޫން ކަމަށެވެ.
މީގެ އިތުރުން ރޮނާލްޑޯ ރެއާލް ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމުގެ ވާހަކަތައް ވެސް ވަނީ ދެކެވިފައެވެ.