17 Nov 2015, 11:49
އިންޑިއާގެ ޗެންނާއީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވި ސަރަހައްދެއްގައި ހާލުގައި ޖެހިފައި ތިބި ދިވެހި އާއިލާ ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައިވާ ކަމަށް ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން އިން ބުނެފިއެވެ.
ޗެންނާއިގެ ޕެރޮމްބައްކަމްގެ ގެއެއްގައި އުޅޭ އާއިލާ ރައްކާތެރި ސަރަހައްދަށް ޗެންނާއިގެ އޮތޯރިޓީންނާއި ފުލުހުންގެ އެހީއާއެކު ވަނީ ގެންގޮސްފައި ކަމަށެވެ.
ވޭތުވެ ދިޔަ ތިން ދުވަހު ކުރި ވިއްސާރައާ ގުޅިގެން ކޯރުތައް ވަނީ ފުރިގެން ބަންޑުން ގޮސްފައެވެ. އެއާއެކު މެއާ ހިސާބަށް ފެންބޮޑު ވެފައިވާއިރު އެ އާއިލާ ވަނީ އިއްޔެ އިން ފެށިގެން ފެންބޮޑުވި ސަރަހައްދުގައެވެ. ގޭގައި ކަރަންޓު ނެތުމުން އާއިލާއިން ބޭނުން ކުރަމުން ދިޔައީ އިމަޖެންސީ ލައިޓްތަކެވެ.
ކޮމިޝަން އިން ރޭގައި ބުނެފައިވަނީ ގޭގައި ތާށިވެފައިވާ އާއިލާއަށް އެހީ ފޯރުކޮށްދިނުމަށް އެކި ފަރާތްތަކަށް އެދިފައިވާ ކަމަށެވެ. އަދި އާއިލާގެ ހާލަތު ކައިރިން މޮނިޓަރު ކުރަމުން ގެންދާނެ ކަމަށެވެ.
ޓަމިލްނާޑޫގެ ސަރައްހައްދަށާއެކު ކުރަމުން އަންނަ އެ ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ކުޑަލޯ ޑިސްޓްރިކްޓް އަށެވެ.
ވިއްސާރައާ ގުޅިގެން ޗެންނާއި އާއި ތިރުވައްލަރު އަދި ކަންޗީޕޫރަމްގެ ސްކޫލުތަކާއި ކޮލެޖުތައް ވަނީ ބަންދުކޮށްފަ އެވެ.
ޗެންނާއި އަށް މިހާރު ވާރޭނުވެހުނަށް ބައެއް ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިންޑިއާ ސަރުކާރުގެ ފަރާތުން ވަނީ ބުނެފައެވެ.
ޗެންނާއިގެ ތިރި ސަރަހައްދުތަކުން މިހާރު ވަނީ 5،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައި ކަމަށް ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން 500 ކްރޯރް (78 މިލިއަން އެމެރިކާ ޑޮލަރު)ގެ ރިލީފް ފަންޑެއް އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.