17 Nov 2015, 11:20
ދުނިޔޭގެ އާބާދީގެ 2.4 ބިލިއަން މީހުންނަށް ސާފުތާހިރުވުމަށް އެކަށީގެންވާ ރަނގަޅު ނިޒާމެއް ކަނޑައެޅިފައި ނެތް ކަމަށް އދ. އިން ބުނެފި އެވެ.
ދުނިޔޭގެ ފާހަނާ ކުރުމުގެ ދުވަހުގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވީ، އެކަށީގެންވާ ގޮތުގައި ސާފުތާހިރު ވުމުގެ ނިޒާމެއް ނެތުމުން ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑު ކަމަށާއި ޚާއްޞަކޮށް ކުޑަކުދިންނަށް މިކަމުގެ ނުރައްކާ ބޮޑު ކަމަށެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ތިން އަންހެނަކުން އެކަކީ، ފާހާނާ ކުރެވޭނެ ރަނގަޅު ގޮތެއް ނެތިފައި ތިބި މީހުން. މިކަމުގެ ނަތީޖާއެއްގެ ގޮތުން ތަފާތު ބަލިތައް ޖެހި ލަދުވެތިކަމާ އެމީހުންނަށް ކުރިމަތި ލާން ޖެހިފައިވޭ،" ބަންކީ މޫން ވިދާޅުވި އެވެ.
އަދި އެންމެންނަށް އެކަށީގެންވާ ވަރަށް ދުނިޔޭގައި ފެން ހުރިކަމުގައިވީ ނަމަވެސް، ގިނަ ބަޔަކަށް ސާފު ބޯ ފެން ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަަށް އދ. ބުނެ އެވެ.
އަދި ސާފުތާހިރު ވެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ކޮންމެ އަހަރަކު މިލިއަނެއްހާ މީހުން މަރުވާ ކަމަށާއި މަރުވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނޭ ކަމަށް އދ. ބުނެ އެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު 19 ވަނަ ދުވަހަކީ އދ. އިން ފާހަގަ ކުރާ ދުނިޔޭގެ ފާހާނާ ކުރުމުގެ ދުވަސް ނުވަތަ "ވޯލްޑް ޓޮއިލެޓް ޑޭ" އެވެ.
ދުނިޔޭގެ އާބާދީ އުޅެނީ ހަތް ބިލަނަށް ވުރެ މަތީގަ އެވެ.