17 Nov 2015, 10:23
ވާސައިލެސް (ނޮވެމްބަރު 17) : ޕެރިހުގެ ޙަމަލާތަކާ ގުޅިގެން ފަރަންސޭސިވިލާތުގައި އިޢްލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ތިން މަސްދުވަހަށް އިތުރުކުރަން ބޭނުންވާކަން އެގައުމުގެ ރައީސް ފޮންސުވާ އޮލާންދް ހާމަކުރައްވައިފި އެވެ.
ފަރަންސޭސި ޕާލަމެންޓްގެ ދެގޭގެ ޖަލްސާއެއްގައި ތަގްރީރު ކުރައްވަމުން އޮލާންދް ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު ތިން މަސް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމުގަ އެވެ. ޕެރިހުގެ އެތަށް ތަނަކަށް މިދިޔަ ހުކުރުދުވަހު ދިން ޙަމަލާތަކުގައި 130 މީހުން މަރުވެ 300 އެއްހާމީހުން ޒަޚަމްވެފައިވާ އިރު އެ ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުންނެވެ.
އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކުރުމުގެ ގޮތުން އެޅުމަށް އޮލާންދް އިޢްލާން ކުރެއްވި އެހެން ފިޔަވަޅުތަކުގެ ތެރޭގައި އަންނައަހަރު ފަރަންސޭސި ދިފާއީ ބަޖެޓް ބޮޑުކުރުމާއި ފުލުހުންގެ ތެރެއަށް އިތުރު 5000 މީހުން ވެއްދުމާއި ގައުމުގެ އަމަނާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ބޭރުމީހުން ޑިޕޯޓްކުރުން ހިމެނެ އެވެ. މީގެ އިތުރުން އެހެންގައުމެއްގެ ޕާސްޕޯޓްއޮންނަ ފަރަންސޭސި ރައްޔިތެއްގެ މައްޗަށް ޓެރަރިޒަމްގެ ކުށްސާބިތުވެއްޖެ ނަމަ އެމީހާގެ ކިބައިން ރައްޔިތުކަމުގެ ހައްގު ނިގުޅައިގަތުމާއި ގައުމަށް ގަވައިދާ ޚިލާފަށް ހަތިޔާރު އެތެރެކޮށް ހަތިޔާރު ގެންގުޅޭ ފަރާތްތަކަށް ދެވޭ އަދަބުތައް ބޮޑުކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް ވެސް އޮލާންދް އިޢްލާން ކުރެއްވި އެވެ.
ޓެރަރިޒަމާ ދެކޮޅަށް އޮލާންދް އިޢްލާންކުރެއްވި މިފިޔަވަޅުތަކާއި ކުއްލި ޙާލަތުގެ ސަބަބުންނާއި ފަރަންސޭސި ގާނޫނުތަކަށް ގެންނަ ހަރުކަށި ބަދަލުތަކުގެ ސަބަބުން ފަރަންސޭސި ރައްޔިތުންނާއި އެގައުމުގައި ދިރިއުޅޭ ބޭރުމީހުންގެ އިންސާނީ ހައްގުތައް ވަރަށްބޮޑަށް ހަނިވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)