17 Nov 2015, 09:37
އެންޓާލިޔާ (ނޮވެމްބަރު 17): ޓެރަރިޒަމަކީ ވަކި ދީނަކަށް އަދި ވަކި ނަސްލަކަށް ނިސްބަތްވެގެންވާ އެއްޗެއް ނޫން ކަމަށް ޖީ 20 ގެ ގައުމުތަކުން ބުނެފި އެވެ.
ތުރުކީގެ އެންޓާލިޔާގައި ބޭއްވި ޖީ 20 ގެ ސަމިޓްގައި ޓެރަރިޒަމަކީ ވަކި ދީނަކަށް އަދި ވަކި ނަސްލަކަށް ނިސްބަތްވެގެންވާ އެއްޗެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ބޭފުޅުންނަކީ މި ޖަމާއަތުގައި ހިމެނޭ އިސްލާމީ ގައުމުތަކުގެ ލީޑަރުންނެވެ. މީގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ސައޫދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި މެލޭޝިޔާ ބޮޑުވަޒީރު ނަޖީބް ރައްޒާގް އާއި އިންޑޮނީޝިޔާގެ ރައީސް ހިމެނިވަޑައިގަންނަވަ އެވެ.
މި އިންކޮންމެ ބޭފުޅަކުވެސްވަނީ ޓެރަރިޒަމަކީ ވަކި ދީނަކަށް އަދި ވަކި ނަސްލަކަށް ނިސްބަތްވެގެންވާ އެއްޗެއްނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެހެންކަމުން ޖީ 20 ގެ ގައުމުތަކުގެ ސަމިޓް ނިންމާލުމުގެގޮތުން ނެރުނު ގުޅިފައިވާ ބަޔާނުގައިވެސް މިބޭފުޅުންގެ ބާރުއެޅުއްވުމާއެކު މިކަން ފާހަގަކޮށްފައިވެއެވެ. ޓެރަރިޒަމަކީ ވަކި ދީނަކަށް އަދި ވަކި ނަސްލަކަށް ނިސްބަތްނުވާ އަދި ކޮންމެ ދީނަކާއި ކޮންމެ ނަސްލެއްގެ ބަޔަކުވެސް އެބައެއްގެ އަމިއްލަ މަގްސަދްތައް ޙާސިލް ކުރުމަށް ޓަކައި ޓެރަރިޒަމްގެ ޖަރީމާތައް ހިންގައެވެ.
ނަމަވެސް ޣައިރު މުސްލިމް ގައުމުތަކުން އަދި ޚާއްސަކޮށް ހުޅަނގުގެ ގައުމުތަކާއި އިސްރާއީލުން ޓެރަރިޒަމްގެ ތުހުމަތާއި އެކަމުގެ ބަދުނާމު އަޅުވަނީ ހަމައެކަނި މުސްލިމުންނާއި އިސްލާމީ ޖަމާއަތްތަކުގެ ބޮލުގައެވެ. އަދި މާތްވެގެންވާ އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުވަން ވެސް ހުޅަނގުގެ ގައުމުތަކުންނާއި ހުޅަނގުގެ މީޑިޔާއިން މަސައްކަތް ކުރަމުން ގެންދެއެވެ. އިސްލާމީ ޖަމާއަތްތަކުގެ ތެރޭގައި ވެސް އަލްގާއިދާ އާއި އައިއެސް ޖަމާއަތާއި ތާލިބާން ޖަމާއަތާއި ޖަބްހަތުއްނުސްރާފަދަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތައް ހިމެނެއެވެ. މިޖަމާއަތްތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގެ ޝިކާރައަކަށްވެސް ގިނަފަހަރުވަނީ މުސްލިމުންނެވެ. ހުޅަނގުގެ ނަސާރާއިންނާއި ދީން ގަބޫލުނުކުރާ މީހުންގެ ތެރޭގައިވެސް ނުރައްކާތެރި ޓެރަރިސްޓުންނާއި ޓެރަރިސްޓް ޖަމާއަތްތައް ހަރަކާތްތެރިވެއެވެ. އަދި ހުޅަނގުގެ ބައެއް ގައުމުތަކާއި ހުޅަނގުގެ މަދަދުލިބޭ އިސްރާއީލަކީވެސް ދައުލަތުގެ ފެންވަރުގައި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ގައުމުތަކެކެވެ.
އިސްލާމް ދީނުގެ ނަމުގައި އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ބޮންގޮއްވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގައި ކުށެއްނެތް މީހުން މަރާއިރު އިސްރާއީލާއި އެމެރިކާފަދަ ގައުމުތަކުން ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ ތަންތަނަށް ބޮންއަޅައިގެންނާއި ޑްރޯން ހަމަލާތައްދީގެން އެގައުމުތަކުގެ ސިފައިންނެވެ. މިފަދަ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އަމުރުކުރައްވަނީ އެގައުމުތަކުގެ އިސްވެރިންނެވެ. މީގެއިތުރުން ސޫރިޔާ ސަރުކާރުންވެސް އެގައުމުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ދޭ ހަމަލާތަކަކީ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައްކަމަށް ވަނީ ސިފަކުރެވިފައެވެ.
ތުރުކީގައި އިއްޔެ ނިމުނު ޖީ ޓުވެންޓީގެ ގައުމުތަކުގެ ލީޑަރުން ނެރިއްވި ގުޅިފައިވާ ބަޔާނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ރެފިއުޖީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހުރިހާ ގައުމަކުންވެސް މާލީ އެހީތެރިކަމާއި ސިޔާސީ އެއްބާރުލުންދިނުމަށް ގޮވާލާފައިވެއެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ބައިނަލްއަގްވާމީ އަމްނާއި ސުލްހައިގެ މުހިއްމުކަން ފާހަގަކޮށްފައިވެއެވެ. މިސަމިޓްގެ އެޖެންޑާގެ އެންމެ ކުރީގައި ސޫރިޔާގެ މައްސަލަ ހިމެނުނުނަމަވެސް މިމައްސަލާގައި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
ޖީ ޓުވެންޓީގެ ގައުމުތަކަކީ އިގްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ވިހި ގައުމެވެ. މިޖަމާއަތުގައި ހިމެނެނީ އެމެރިކާ، ޗައިނާ، ޖަޕާން، ޖާމަނީ، ރަޝިޔާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑިޔާ، ބްރަޒީލް ދެކުނު އެފްރިކާ، ކެނެޑާ، އިޓަލީ، ދެކުނު ކޮރެޔާ، ތުރުކީ، އިންޑޮނީޝިޔާ، މެލޭޝިޔާ އަދި ސައޫދީ އަރަބިޔާ، މެކްސިކޯ. އާޖެންޓީނާ އަދި އޮސްޓްރޭލިޔާ ހިމެނެއެވެ. (ނޫސްއެޖެންސީތައް)