17 Nov 2015, 09:45
ބްރޭކް ގިނަވެ ލީގު ދިގު ވުމުގެ ސަބަބުން ކުޅުންތެރިންގެ ސީރިއަސްކަން ގެއްލިފައިވާ ކަމަށް އިގަލްސްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނެފިއެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި ރޭ ބީޖީއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށް ފަހު ވާހަކަ ދައްކަމުން ސާންތީ ބުނީ މިހާރު ކޯޗެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ވެސް ކުޅުންތެރިންގެ ފޯކަސް އެއްގޮތެއްގައި ހިފެއްހެއްޓުން ކަމަށެވެ.
"މިވަރަށް ބްރޭކްތަކާއި ބައިވަރު ކަންތައް ދިމާވުމާ މިކަންތައްތަކާ ހެދި ސިރިއަސްކަން ގެއްލިއްޖެ. މިހާރު ކޯޗެއްގެ ހައިސިއްޔަތުން އެންމެ ބޮޑަށް ކުރަންޖެހޭ މަސައްކަތަކީވެސް ކުޅުންތެރިންގެ ފޯކަސް މީގެ ތެރޭގައި ހިފެއްހެއްޓުން" ސާންތީ ބުންޏެވެ.
ސާންތީގެ އިތުން ބައެއް އެހެން ކޯޗުން ވެސް ވަނީ ސީޒަންގައި ބްރޭކް ގިނަ ވުމުން ކުޅުނެރިންނަށް އަސަރުކޯށްފައިވާ ކަން ފާހަގަކޮށްފަ އެވެ.
މިއަހަރު މިހާތަނަށް ބައެއް އެހެނިހެން ސަބަބުތަކާ ހެދި ވަނީ ދެ ފަހަރެއްގެ މަތިން ލީގް މެދުކެނޑިފައެވެ.
އެގޮތުން މިނިވަން 50 ގެ ކުޅިވަރުތަކަށް ދަނޑުގައި އެޅި ހަރު ކާޕެޓްގެ ސަބުބުން ލީގް މެދު ކަނޑާލަން ޖެހުނުއިރު، މިމހު ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން ވަނީ ލީގްގައި ކުޅެން އޮތް މެޗު ވެސް ފަސްކޮށްފައެވެ.
އެފްއޭއެމްއިން ވަނީ މިއހަރު މިހާތަނަށް ދެ ފަހަރެއްގެ މަތިން ފުޓްބޯޅަ ކަލަންޑަރު މުރާޖާކޮށް އަލުން ނެރެފައެވެ.
އީގަލްސް 14 ޕޮއިންޓާއެކު މިވަގުތު ލީގް ތާވަލްގެ ހަތަރު ވަނައިގައި އޮތް އިރު، ސާންތީ ބުނީ އަމާޒަކީ އީގަލްސް ގެންދެވެން އޮތް އެންމެ ދުރަށް ގެންދިއުން ކަމަށާއި، މިދޔަ ސީޒަންގައި ތިން ވަނައިގައި އޮވެ ލީގް ނިންމާލެވުމާއެކު، މިއަހަރުވެސް އެންމެ މަދުވެގެން އެހިސާބުގައި އޮވެ ލީގް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ރޭގެ މެޗް ލަނޑެއް ނުޖެހި އެއްވަރުވެ ޕޮއިންޓެއް ލިބުމުންވެސް ހިތް ހަމަޖެހޭ ކަމަށް ސާންތީ ބުންޏެވެ.
ލީގްގައި އީގަލްސް ދެން ކުޅެން ޖެހޭ މެޗްގައި މިއަންނަ ހުކުރު ދުވަހު ހަވީރު ބައްދަލު ކުރާނީ ވިކްޓްރީއާ ދެކޮޅަށެވެ.