17 Nov 2015, 09:30
އަންނަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ބާސާ ނުކުންނަ މެޗަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާގެ އެންމެ މުހިންމު ކުޅުންތެރިއާ އާޖެންޓީނާގެ ފޯވާޑް ލަޔޮނަލް މެސީ ފަރިތަކުރަން ފަށައިފި އެވެ.
މެޗަށް އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށް މެސީ ފަރިތަކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ސްޕެނިޝް ލީގުގައި ލަސް ޕަލްމާސް އަތުން ބާސެލޯނާ މޮޅުވި މެޗުގައި އޭނާގެ ވާތު ކަކުލަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށްފަހު އެވެ.
ބާސެލޯނާގެ އެސިސްޓެންޓް ކޯޗު ބުނީ ތިން ދުވަހުގެ ޗުއްޓީއަކަށް ފަހު ސީނިއާ ޓީމު އިއްޔެ ފަރިތަކުރަން ފަށާފައިވާ ކަމަށެވެ. އަދި ޓްރޭނިންތަކުގައި މެސީ ވެސް ބައިވެރިވި ކަމަށެވެ.
މެސީގެ އިތުރުން، އަނިޔާގައި ދުވަސް ކޮޅަކަށް ހުރި ބާސާގެ މިޑްފިލްޑަރު އިވާން ރަކިޓިޗް އާއި ގޯލްކީޕްރު މާކް އަންދްރޭ ޓާސްޓެގަން ވެސް ވަނީ، އެ ޓީމުގެ ފަރިތަކުރުންތަކަށް އިއްޔެ ނިކުމެފަ އެވެ.
ސްކޮޑު ހީނަރުވެފައިވާ ބާސެލޯނާގެ ފަރިތަކުރުންތަކަށް މި ތިން ކުޅުންތެރިން ނުކުތުމަކީ އެ ޓީމް އަންނަ ހޮނިހިރު ދުވަހު ނުކުންނަ މުހިންމު މެޗަށް ބާސާގެ ކޯޗް ލުއިސް އެންރިކޭއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެ އެވެ.
ސްޕްއިންގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރާއިން މެސީ ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެ މެޗުގެ ކޮންމެވެސް ހިސާބަކުން، މެސީ ފެނުން ގާތް ކަމަށް ރިޕޯޓުތަށް ބުނެއެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މަގާމު ހަތަރު ފަހަރު ހޯދާފައިވާ މެސީއާ ނުލާވެސް، ބާސާއިން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު މޮޅުވެފައިވާއިރު، ބާސާ އޮތީ ސްޕެނިޝް ލީގުގެ އެއްވަނައިގަ އެވެ.