17 Nov 2015, 09:14
އެސްޓީއޯ އިން ވިއްކި ގޮދަންފުށް ބަސްތާތަކެއްގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން އެ ފުށްބަސްތާތައް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން ބުނީ މައްސަލައެއް ހުރި ކަމަށް ފާހަގަ ކުރެވެނީ ލޮޓް ނަންބަރު: 2015348 ފުށުގައި ކަމަށެވެ. އަދި އެ ފުށް ޓެސްޓުކުރަން ފޮނުވާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އެހެންކަމުން މައްސަލަހުރި ކަމަށް ފާހަގަކުރެވޭ ފުށްބަސްތާ ބަދަލުކުރުމަށް ބޭނުންވާނަމަ އެސްޓީއޯ ސްޓޭޕަލް ފުޑްސް އަދި ރީޖަނަލް ފިހާރަތަކުން އެކަން ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އިއްޔެ ބުނީ، ރާއްޖޭގައި ވިއްކަމުން އަންނަ ފުށެއްގައި މައްސަލަ ހުރިކަން އެ އޮތޯރިޓީއަށް ކަށަވަރުވެފައިވާ ކަމަށެވެ.
އެގޮތުން ގޮދަން ފުށުން ހަރުކޮށް ހެފޭ އެއްޗެއް ހުރި ކަމަށް ބުނެ ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، ސާމްޕަލްތައް ނަގައިގެން ތަހުލީލުކުރަމުން އަންނަ ކަމަށާއި ނެގި ސާމްޕަލެއްގައި އޭގެ އަސްލު ޒާތުގައި ހުރެގެން ނުވާނެ ފަދަ ހަރު އެތިކޮޅުތަކެއް ހުރި ކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
ގޮދަން ފުށުން އެފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ އެ ފުށް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.