"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަމުގައި ހުޅުލެއާ-މާލެއާ ދެމެދު އަޅާ ބްރިޖްގެ އަމަލީ މަސައްކަތް މިއަހަރު ނުނިމެނީސް ފަށަން ޗައިނާ ސަރުކާރުން ކޮންޓްރެކްޓަރަށް މަޖުބޫރުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ސަންޓީވީގެ "50 މިނިޓް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ.މުޢިއްޒު ރޭ ވިދާޅުވީ ބްރިޖްގެ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާ ކަމަށެވެ.

"...މިއަހަރުގެ ނިޔަލަށް، މިއަހަރު ނިމުމުގެ ކުރިން، ޑިސެމްބަރުމަހުގެ ފަހުކޮޅު އެންމެ ލަސްވެގެން ބްރިޖްގެ މަސަކަތް އަމަލީ ގޮތުން ރާއްޖޭގައި ފެށޭނޭ. އެކަމަށްޓަކައި ބާއްވާ ރަސްމީ އިހުތިފާލް ވެސް ބޭއްވިގެންދާނެ ކަމަށް، އެއީ އެބޭފުޅުން ކޮންޓްރެކްޓާގެ މައްޗަށް ލާޒިމުކުރާ ކޮންޑިޝަނެއްގެ ގޮތުގައި ވަނީ ހިމަނާފައި. އެހެންވީމާ ޗައިނާ ސަރުކާރުން އެކަން މި ވަނީ ކޮންޓްރެކްޓާގެ މައްޗަށް މަޖުބޫރުކޮށްފައި މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރީގައި ރާއްޖޭގައި ބްރިޖްގެ އަމަލީ މަސައްކަތް ފަށަން ވާނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖާ ބެހޭ ގޮތުން މިހާރު ނިންމިފައިވާ ނިންމުންތައް ލިޔެކިއުމަށް ގެނައުމަށްޓަކައި ސޮއިކުރަން ޖެހޭ އެއްބަސްވުންތަކުގައި ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާ ތެރޭގައި ސޮއިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެގޮތުން ސޮއިކުރާނީ ދެ އެއްބަސްވުމެއްގައި ކަމަށެވެ.

"...އެއް އެއްބަސްވުމަކީ ފައިނޭޝަލް ކަންތައްތަކުގައި މިހާރު ނިމިފައިވާ ކަންތައްތައް، އޭގައި ރަސްމީ ގޮތުން ސޮއިކުރަން ޖެހޭ ސޮއިކުރުންތައް. އަދި ދެން މިއޮތީ ކޮންޓްރެކްޓާ، މިހޮވުނު ކޮންޓްރެކްޓަރާ މަސައްކަތް ހަވާލު ކުރުމުގެ ގޮތުން ކޮންޓެކްޓްގައި ސޮއިކުރުން،" މުޢިއްޒު ވިދާޅުވިއެވެ.