17 Nov 2015, 00:31
ކުޑަކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓް ކުރި މިންވަރު މިދިޔައަހަރާ އަޅައިބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށް އެޓާނީ ޖެނެރަލް މުޙައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން އޭޖީ ވިދާޅުވީ، އެފަދަ މައްސަލަތައް ރިޕޯޓް ކުރި މިންވަރު އިތުރުވީ، އެކަމާ ގުޅޭ ގޮތުން މުޖުތަމައުގައި ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
"... ހަމަ އެއާ އެކީގައި އެކުދިންނަށް ކުރެވޭ އަނިޔާތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތައް، މުޖުތަމައު ތެރޭގައި މިއީ ފަހަރުގައި ވެދާނެ ހޭލުންތެރިކަން އިތުރުވުމާ ގުޅިގެން ނަމަވެސް ރިޕޯޓްކުރެވޭ މިންވަރު މިވަނީ ދެގުނަޔަށް، މިދިޔަ އަހަރު، 2014 ޔާ އަޅައިބަލާއިރު މިއަހަރު މިވަނީ ދެގުނައަށް އިތުރުވެފައި،" އޭޖީ އަނިލް ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ، ދައުލަތުވެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ކުދިންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތަށް ކުދިން ނަގަނީ އާއިލާތަކުން އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ނުދެވޭތީ ކަމަށް ވެސް ވިދާޅުވިއެވެ.
ކުޑަކުދިންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ޔަގީން ކުރުމަށް ޓަކައި ކުރާ މަސައްކަތްތަކުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން ހިމެނޭ ކަމަށާއި އާ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
"... އެކުދިންނަށް، އާއިލާތަކަށް ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އަޅުގަނޑުމެން މިދަނީ މާލޭގަޔާ އަތޮޅު ތަކުގައި ހަމަ ކެނޑި ނޭޅި މަސައްކަތް ކުރަމުން. އަދި އެގޮތުން ދެވޭ ރައްކާތެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރަށު ފެންވަރުގައި އަތޮޅު ފެންވަރުގައި ދެވެން ޖެހޭ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގައުމީ މައި އޮނިގަނޑެއް ތައްޔާރު ކުރެވި އަޅުގަނޑުމެން މިވަނީ މަސައްކަތް ފަށާފައި، " މިނިސްޓަރު ވިދާޅުވިއެވެ.