ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާ ދިޔަ މިފަދަ ބޮޑުއެއް ހާދިސާ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ހިނގައި ދިޔަ އެކި ކަންތައްތައްކާ ގުޅިގެން މުޅި ރާއްޖެއަށް ކުއްލި ހާލަތު ވެސް ވަނީ އިއުލާނުކޮށްފަ އެވެ. މި ހުރިހާ ކަމެއް ހިނގާދިޔައިރު ރައްޔިތުން ދިޔައީ އެންމެ ސުވާލެއް ކުރަމުން ނެވެ. އެއީ އެފަދަ ބޮޑު ކަމެއް ހިނގާ ދިޔައިރު ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް ކޮބާ ހެއްޔެވެ؟

ފުލުހުންގެ އިންޓަލިޖެންސުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ ފަރާތެއް "ސަން"އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިންޓަލިޖަންސަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށެވެ. އަދި އިންޓަލިޖެންސްގެ މަސައްކަތަށް ބޭނުންވާ އެންމެ ވަސީލަތެއް ނެތަސް އެފަރާތްތަކުގެ މަސައްކަތަށް ބޮޑު ހުރަހެއް ކުރިމަތިވަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ ހުންނާނެ އިނގޭތޯ ތަފާތު ވަސީލަތްތައް. މީހަކު ނުވަތަ ބަޔަކު ފޮލޯ ކުރާނެ ބައިވަރު ގޮތްތައް ހުންނާނެ. މިއިން ކޮންމެ މަސައްކަތެއް ކުރުމަށް އަޅުގަނޑުމެން ބޭނުންވާނެ ތަފާތު އެކި ވަސީލަތްތައް ވެސް. އެކަހަލަ ސާމާނުތަކަކީ ވަރަށް އަގުބޮޑެތި ސާމާނު. އެންމެ ދުވަހެއް އެއިން އެއްޗެއް ލިބުން ލަސްވިއަސް އިންޓަލިޖަންސުން ޖެހޭނީ ފިޒިކަލީ އެ މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކުން ދާދި ފަހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ސަލާމަތީ ބާރުތަކުގެ ބަޖެޓު ކުޑަކަމަށް ބައެއް މަޖިލިސް މެމްބަރުން އަންނަނީ ބަޖެޓު ކޮމެޓީގައި ވަކާލާތު ކުރައްވަމުން: ފޮޓޯ/ އޭޕީ

ކޮންމެ އަކަސް އޭނާ އެ އިޝާރާތް ކުރެއްވި ގިނަ ކަންތައްތައް ގުޅި ލާމެހެނީ މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މަޖިލީހަށް ވަޑައިގެން ހުށަހެޅުއްވި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ އެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް ހުށަހަޅާފައި ވަނީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ދިރާސާ ކުރަމުން ދިޔަ ފުރަތަމަ ދުވަހު ވެސް މެމްބަރުން ދައްކަވަމުން ގެންދެވީ ރިޕޯޓުގެ ފެށުމުގައި ހިމަނާލި ވާހަކަ ކަމަށްވާ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ވާހަކަ އެވެ. ބަޖެޓު ކޮމެޓީގެ ބައެއް މެމްބަރުންގެ ކަންބޮޑުވުމަކަށް އައީ އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ދީފައިވާ ބަޖެޓު ކުޑަކަމެވެ.

ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ގައުމުގެ ސަލާމަތީ ބާރުތަކަށް ދޭންޖެހެ ބަޖެޓު ކުޑަކޮށް އެހެން މުއައްސަސާތަކަށް ބޮޑު ބަޖެޓެއް ދިނުމަކީ ގަބޫލު ކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ދާދިފަހުން ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ގައުމުގެ ސަލާމަތީ ބާރުތަކުގެ އިންޓަލިޖެންސް ވަރުގަދަ ކުރަން ޖެހޭ ކަމަށް އެބޭފުޅުން ފާހަގަ ކުރެއްވި އެވެ.

އެގޮތުން ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް އެ މައްސަލައާ ގުޅިގެން ވިދާޅުވީ ރާއްޖޭގެ ގައުމުގެ ސަލާމަތީ ބާރުތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ވިސްނާނަމަ މި އަހަރަށް ދީފައިވާ ބަޖެޓަށް ވުރެ އަންނަ އަހަރަށް ސަލާމަތީ ބާރުތަކަށް ދީފައިވާ ބަޖެޓު ކުޑަ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސެކިއުރިޓީއަށް އެންމެ މުހިއްމު ކަންތައްތަކަކީ ޓެރަރިޒަމްގެ ކަންތައްތަކާއި އަޅުގަނޑުމެންނަށް ސިލޯނުން ވެސް މިތަން [ރާއްޖެ] ހިފަން އައިސިއްޔަކާ އަޅުގަނޑުމެން ކުރާނެ އެއްވެސް ކަމެއް ނެތް. އިންޓަނޭޝަނަލް ކޮމިއުނިޓީއާ އެކު ނޫނިއްޔާ ނޫނީ އަޅުގަނޑުމެންނަކަށް ނެތް އެކަމަކުން ސަލާމަތް ވެވޭކަށް. އެހެންވީމަ އަޅުގަނޑުމެން ވަރުގަދަ ކުރަން މިޖެހެނީ ކޯސްޓު ގާޑު ސާވިސްއާ އަޅުގަނޑުމެންގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް،" ފައްޔާޒު ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކުގެ ތެރެއިން އެމްއެންޑީއެފަށް މިއަހަރު ދީފައި ވަނީ 1.05 ބިލިއަން ރުފިޔާ އެވެ. ނަމަވެސް އަންނަ އަހަރަށް ދީފައި ވަނީ 1.03 ބިލިއަން ރުފިޔާ އެވެ. ފުލުހުންގެ މުއައްސަސާއަށް މި އަހަރު ދީފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް އެ މުއައްސަސާއަށް ދީފައި ވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ރާއްޖޭގައި މިފަހަކަށް އައިސް ހިނގާދިޔަ ބައެއް ކަންތައްތަކުގެ ސަބަބުން އިތުރަށް ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހު ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާގެ ސަބަބުން ގައުމުގެ ސަލާމަތީ ބާރުތަކުން އިތުރަށް ވިސްނަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި ސަލާމަތީ ބާރުތަކުގެ އެކި ޑިޕާޓުމަންޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ބަޖެޓު ބަޖެޓު ފޮތުން ފެންނަން ނެތުމުން އޭނާ ވެސް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ބަޖެޓު ކޮމެޓީގެ ބައްދަލުވުމެއްގައި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ގާނޫނު އަސާސީ ހިފަހައްޓައިގެން: ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން މިއަހަރަށް ކަނޑައެޅި 24 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމެނިފައި ހުރި ކަންކަން ފުރިހަމަ ކުރެވިއްޖެ ކަމަށް ވަނީ ނަމަ އަންނަ އަހަރުގެ ބަޖެޓުގައި އެބައި ހިމެނުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫނެވެ. އަދި ސަރުކާރުން މިހާރު ވެސް ދަރަނިން އަރައި ނުގަނެވިގެން އުޅޭއިރު އިތުރަށް މުއައްސަސާތަކުގެ ބަޖެޓު ބޮޑުކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ވެސް ވެދާނެ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ސަލާމަތީ ބާރުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ޖަހާފައިވާ އަދަދަކީ ކުޑަ އަދަދެއް ނޫން ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން އެހެނިހެން ފަރާތްތަކަށް ދައްކަން ޖެހޭ ބިލުތަކެއް ހުރުމުން މި އަހަރު އެ ބިލުތައް ވެސް ދައްކާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަލާމަތީ ބާރުތަކުގެ ޕެންޑިން ބިލުތައް މިއަހަރު ވަނީ ދައްކާ ނިންމާފައި. އަންނަ އަހަރު އެއިން އެއްވެސް ބިލެއް ދައްކާކަށް ނުޖެހޭނެ." ޖިހާދު ވިދާޅުވި އެވެ.

ކޮންމެ އަކަސް އެ މައްސަލާގައި ސަރުކާރާ ދެކޮޅު މެމްބަރުންގެ ވާހަކަތައް ހުރީ އެފަދަ ގޮތަކަށެވެ. ސަރުކާރާ އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ހިދުމަތާ އިންޓަލިޖެންސަކީ ރައްޔިތުންގެ ސަލާމަތަށް މުހިއްމު އެއްޗެކެވެ. އެކަންކަން ހައްލު ކުރުމަށް ހަމަ ގައިމުވެސް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ އެވެ. މި އަހަރަށް ވުރެއް އަންނަ އަހަރު ސަލާމަތީ ބާރުތަކަށް ދޭ ބަޖެޓު ކުޑަކޮށްފައި ވާނީ ވެސް

ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ "ސަން" އަށް ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާއި ސިފައިންނަށް ބޭނުންވާ ވަސީލަތްތައް ވެސް މަދުކަން ފާހަގަކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ސަލާމަތީ ބާރުތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރަން ތިބި ފަރާތްތައް ކަމަށްވީ ހިނދު ސަރުކާރުން އެވަރު ނުބަލާ ބަޖެޓު ދެމުންދާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި

"އަސްލު ބަލާލަމާ އެމީހުންނަށް [ސަލާމަތީ ބާރުތަކަށް] ދޭ ބަޖެޓުން އެމީހުންގެ ރިކަރަންޓު ހަރަދުތައް އެކަނި ދޯ ނިންމާލެވޭނީ. ދެން ސަލާމަތީ ބާރުތަކަށް މިހާރު އެ ދޭ ބަޖެޓުގެ އިތުރުން އެ މީހުންގެ ޓުރެއިނިންނަށް ބޭނުންވާ އެއްޗެހިތައް އެބަޖެހޭ ދެއްތޯ ގާއިމު ކުރަން. މިސާލަކަށް ތިބޭފުޅުން ވިސްނާލައްވާ ބޮމް ސުކޮޑު. އެމީހުންގެ އިކިއުޕުމަންޓުތައް ގެންގުޅޭއިރު އަލަށް އެއްޗެއް އެބަ ގެންގުޅުއްވާތޯ. ނޫން،" ބަޖެޓު ކޮމެޓީގައި އެމްޑީޕީ ތަމްސީލުކުރައްވާ އެންމެ އިސް މެމްބަރު ގަފޫރު ވިދާޅުވި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ: ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން ބަޖެޓު ކޮމެޓީގައި ސަލާމަތީ ބާރުތަކުގެ ބަޖެޓާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ސަރުކާރުން ވަނީ ރައްދު ދެއްވާފަ އެވެ. ބަޖެޓު ކޮމެޓީގައި ޕީޕީއެމް ތަމްސީލުކުރައްވާ އެންމެ އިސް ފަރާތްކަމުގައިވާ ވިލުފުށި ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބައްލަވަމުން ގެންދަވަނީ ބަޖެޓުގެ އެއް ދިމާ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކައަކީ "ތާކުންތާކު ޖެހޭ" ވާހަކަތަކެއް ނަމަ ސަރުކާރުން ވެސް ބަލައިގަންނާނެ ކަމަށެވެ. އެހެންނަމަވެސް އެބޭފުޅުންގެ ވާހަކަތައް ދިމާ ނުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މިއަހަރަށް ސަލާމަތީ ބާރުތަކަށް ކަނޑައެޅި ބަޖެޓުގައި ހުންނާނެ ވަރަށް ބައިވަރު މަރާމާތުތަކަށް ފައިސާ ދޫކޮށްފައި. އެއީ ވޭތުވެ ދިޔަ އަހަރުތަކުގައި ހަލާކުވެފައި ހުރި ލޯންޗުތައް މަރާމާތު ކުރުމަށް. ސިފައިންނަށް ވެސް ފުލުހުންނަށް ވެސް. އެހެންވީމަ ސަލާމަތީ ބާރުތަކަށް ބޭނުންވާ ވަރަށް ގިނަ އެއްޗެހިން އެހެރީ ގަނެފައި. އަނެއްކާ ވަރަށް ގިނަ ފައިސާ ދައްކާފައި ހުންނާނެ ލޯންޗު ފަހަރުތައް ގަތުމަށް. އެހެންވީމަ މިދިޔަ އަހަރުގައި ހުރި ވަރަށް ނޫނީ މިއަހަރު ހުރި ވަރަށް އަންނަ އަހަރު ހުންނާކަށް ނުޖެހޭތަ،" ރިޔާޒު ވިދާޅުވި އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ބަޖެޓު ކޮމެޓީގައި ވާހަކަފުޅުދައްކަވަނީ -- ސަންފޮޓޯ/ އަލީ ނަސީރު

ކޮންމެ ގޮތެއް ވިއަސް އިދިކޮޅު ފަރާތްތަކުން ވެސް ދައްކާފައި ވަނީ މުޅިން ގޯސް ވާހަކަތަކެއް ނޫނެވެ. ރާއްޖޭގައި ދާދި ފަހުން ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ވެސް ގައުމުގެ ސަލާމަތީ ބާރުތަކުގެ އިންޓަލިޖެންސު ފަދަ މުހިއްމު ދާއިރާތަކަކީ ހަރުދަނާ ދާއިރާތަކަކަށްވާން އެބަޖެހެ އެވެ. އެހެންނަމަވެސް ސުވާލަކީ އެ ދާއިރާތައް ރަނގަޅު ކުރެވެން އަންނަނީ ހަމަ އެކަނި ބޮޑު ބަޖެޓެއް ދީގެންތޯ އެވެ. ނުވަތަ ހަރުދަނާ ކަމަށް ގާބިލު ބަޔަކު މަގާމުތަކަށް އައިސްގެންތޯ އެވެ.