16 Nov 2015, 23:28
މުދަލުގެ ޒަކާތް ނުދައްކާ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ " 50 މިނިޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޒިޔާދު ވިދާޅުވީ ވީހާވެސް ގިނަ ވިޔަފާރި ވެރިން އަވަހަށް މުދަލުގެ ޒަކާތް ދެއްކުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"...އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެއް މީ މުދަލު ޒަކާތަކީ. ފިތުރު ޒަކާތެއް ނޫން އިސްލާމްދީނުގެ ރުކުނަކީ. އިސްލާމްދީނުގެ ރުކުނަކީ މުދަލު ޒަކާތް. އެހެންވީމާ މުދަލުގެ ޒަކާތް ނުދައްކާ ހަމަ ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ތިބިކަން ފާހަގަކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ވީހާވެސް ގިނަ ވިޔަފާރިވެރިންނާއި ބޮޑެތި އާމްދަނީ ލިބޭ ފަރާތްތަކުން ވީހާ އަވަކަށް މުދަލުގެ ޒަކާތް ދެއްކެވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
އޭނާ ވިދާޅުވީ، މުދަލުގެ ޒަކާތް ދެއްކުމަކީ އިސްލާމްދީނުގެ ރުކުނެއްކަން ގިނަ ބަޔަކަށް އޮޅިފައިވާ ކަމަށެވެ. އަދި ފިތުރު ޒަކާތާ މުދަލު ޒަކާތާ ދޭތެރޭން އިސްލާމްދީނުގެ ރުކުނަކީ ކޮން ޒަކާތެއްކަން ވަރަށް ގިނަ ބަޔަކަށް އޮޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޒަކާތް ނެގުމާއި ބެހުން ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ޒަކާތާ ބެހޭ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވެސް ޑރ. ޒިޔާދު ވިދާޅުވި އެވެ.
"...އަޅުގަނޑު އަމިއްލަ ޝަޚުސިއްޔަތަށް އަންދާޒާ ކުރާ ގޮތުން ވިއްޔާ މީގަ 100 މިލިޔަނަށް ވުރެން ގިނައިން، ހަގީގަތަށް ބަލާއިރުގައި ޒަކާތް މިއުސޫލާ ހަމަތަކުގެ މަތިން ދާ ކަމުގައި ވާނަމަ ދައުލަތަށް ވަންނާނެ،" ޑރ. ޒިޔާދު ވިދާޅުވި އެވެ.