އިސްލާމީ މަރުކަޒުގެ ބޭރުގައި ކޮންމެ ހުކުރު ދުވަހަކު ބަޔަކު ކުރާ ދުއާގައި ވަކި ބަޔަކާ ދެކޮޅަށް ބަދު ދުއާ ކުރާ ކަމަށާއި އެކަން އެގޮތަށް ކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެއީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މިފަހަކަށް އައިސް، ދިވެހީންގެ ތެރެއިން މަދު ބަޔަކު ކޮންމެ ހުކުރުދުވަހެއްގެ ހުކުރުނަމާދަށް ފަހު، ދުޢާއެއް ކުރާ ކަމަށާއި އެދުޢާގައި ވަކި ބަޔެއްގެ މައްޗަށް ބަދު ދުޢާ ކުރާކަން ފާހަގަކުރެވިފައި ވެއެވެ. އިސްލާމްދީނުގައި މުސްލިމަކު މުސްލިމެއްގެ މައްޗަށް ބަދު ދުޢާ ކުރުމަކީ ހުއްދަނޫން ޙަރާމް ކަމަކަށް ވެފައި، މި ދުޢާ ކުރަނީ ގިނަ ބައެއްގެ ކުރިމަތީގައި ދެއްކުންތެރިކަމުގެ ގޮތުން ކަމަށް ވާތީ، އެއީ މާތް ﷲ ރުހިވޮޑިނުގަންނަވާ ކަމަކަށް ވުމާ އެކު، އިސްވެ ބަޔާންވެދިޔަ ގޮތަށް ކޮންމެ ހުކުރު ނަމާދަކަށް ފަހު މިސްކިތުގެ ބޭރުގައި ކުރަމުންދާ ދުއާގައި ބައިވެރި ނުވުމަށާއި، އަދި އެދުޢާ ނުކުރުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެއެވެ.