16 Nov 2015, 22:32
މި ދިޔަ ހުކުރު ދުވަހުގެ ރޭ ފްރާންސްގެ ވެރިރަށް ޕެރިހުގައި ދިން 129 މީހުން މަރުވި ޓެރަރިސްޓު ހަމަލާތަކަށްފަހު، އެ ހަމަލާތަކުގެ ޒިންމާނަގާފައިވާ އިސްލާމިކް ސްޓޭޓްސް (އައިއެސް)އާ ދެކޮޅަށް ވަރުގަދަ ސައިބަރ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުން ދާކަމަށް، ބައިނަލްއަގްވާމީ ހެކަރުންގެ ނެޓްވޯކެއް ކަމަށްވާ 'އެނޮނިމަސް'އިން ބުނެފި އެވެ.
މިއަދު ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާ އެނޮނިމަސްގެ ވީޑިއޯއެއްގައި 'ގައި ފޯކްސް' މާސްކެއް އަޅައިގެން ހުރި، އެނޮނިމަސްގެ މެންބަރަކު ބުނެފައި ވަނީ، ޕެރިހަށް ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ ނަގާފައިވާ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރީންނަކީ ވަލުޖަނަވާރުތަކެއް ފަދަ ބައެއް ކަމަށާއި އެނޮނިމަސްއިން އެ އެންމެން ޝިކާރަކުރާނޭ ކަމަށެވެ.
"މިފަދަ ހަމަލާތަކަކީ އަދަބު ނުދީ ދޫކޮށްލެވޭނޭ ކަންތައްތަކެއް ނޫން،" ފްރާންސް ބަހުން ވާހަކަދެއްކި އެމީހާ ބުންޏެވެ.
"އަހަރެމެން މިއުޅެނީ ކަލޭމެންނާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ހިންގަން. އެތަކެއް ބައިވަރު ސައިބަރ ހަމަލާތަކަކަށް ތައްޔާރުވޭ. ހަނގުރާމަ މިވަނީ އިއުލާނުކުރެވިފައި. ތައްޔާރުވޭ،" ސައިބަރ ހަމަލާތަކުގައި އެކުލެވިގެންވާނީ ކޮންބާވަތެއްގެ ކަންތައްތަކެއްކަން ހާމަނުކޮށް އެމީހާ ބުންޏެވެ.
"އަހަރެމެންނަކީ މައާފުކުރާނެ ބައެއްނޫން، އަދި ހަނދާން ނައްތާލާނޭ ބައެއްވެސް ނޫން."
ހޯމަ ދުވަހު ޔޫޓިއުބަށް އަޕްލޯޑްކުރި އެ ވީޑިއޯ މިހާރުވެސް މިލިއަނަކަށް ވުރެ ގިނަމީހުން ބަލާފައި ވެއެވެ.
އެނޮނިމަސް އަކީ، ފާއިތުވި އަހަރު ތަކުގައި ބައެއް ގައުމުތަކުގެ ސަރުކާރުގެ ވެބްސައިޓްތަކަށާއި، ވިޔަފާރިއާއި އަދި ދީނީ ވެބްސައިޓްތަކަށް ސައިބަރ ހަމަލާތަށްދީފައިވާ، ކޮންބައެއްކަން ނޭނގޭ ބައިނަލްއަގްވާމީ ހެކަރުންގެ ނެޓްވޯކެކެވެ.
ފްރާންސްގެ ހަފްތާއަކު އެއްފަހަރު ނޫހެއް ކަމަށްވާ ޝާލީ އެބްޑޫގެ އޮފީހަށް މި އަހަރުގެ ޖެނުއަރީ މަހު ބަޔަކު ހަމަލާދީ 17 މީހުން މަރާލި ހާދިސާއަށްފަހު، އެނޮނިމަސްގެ އެކްޓިވިސްޓުން ވަނީ، އައިއެސްއާ ގުޅުންހުރިކަމަށް ބެލެވޭ ނުވަތަ އައިއެސްއަށް ސަޕޯޓްކުރާ ފަރާތްތަކުގެ ޓްވިޓާ އެކައުންޓްތަށް ޝަޓްޑައުންކުރުމަށް ހާއްސަ ކެމްޕޭނެއް ފަށައިފައެވެ.
އެގޮތުން އެނޮނިމަސްއިން ބުނެފައިވާ ގޮތުގައި އެ ގްރޫޕުން ވަނީ، އައިއެސްއާ ގުޅުން ހުރިކަމަށް ބެލެވޭ، 39,000 ޓްވިޓާ އެކައުންޓެއް ރިޕޯޓުކޮށްފައެެވެ. އަދި އޭގެ ތެރޭން 25،000 އެކައުންޓް މިހާތަނަށް ސަސްޕެންޑް ކޮށްފައި ވާކަމަށާއި އިތުރު 14,000 އެކައުންޓް މިހާރުވެސް ލިސްޓުގައި ހިމެނޭ ކަމަށް އެނޮނިމަސްއިން ބުނެފައި ވެއެވެ.
މައުލޫމާތު:ރޮއިޓާސް