އިސްލާމްދީނާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ކުރި މަސައްކަތުން މިދިޔަ އަހަރު ރާއްޖޭގައި 45 މީހުން އިސްލާމްވި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެ އެވެ.

ސަންޓީވީގެ " 50 މިނިޓް ޕްރޮގްރާމް"ގައި މިރޭ ވާހަކަ ދައްކަވަމުން ޑރ. ޒިޔާދު ވިދާޅު، އެމީހުން އިސްލާމްވީ ކޮންމެ ދުވަހަކު ދެ އިރު އިސްލާމީ މަރުކަޒުގެ ތިރީގައި ބަހައްޓާ މައުލޫމާތު ޑެސްކުން ދިން މައުލޫމާތު ތައް ލިބިގަނެގެން ކަމަށެވެ.

"... ދެން އެތަނުގައި އިސްލާމްދީނާ ބެހޭ ތަފާތު މައުލޫމާތުތައް އެކި ބަސްބަހުން ލިޔެވިފައި ހުންނަ ފޮތްތަކާ ލީފްލެޓްތަކާ ހުންނާނެ. ދެން އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި 45 މީހަކު ދީނަށް ވަދެ އިސްލާވުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމްވީ 45 މީހުންގެ ތެރޭގައި 11 ފިރިހެނުންނާއި 34 އަންހެނުން ހިމެނޭ ކަމަށާއި އިސްލާމްވީ މީހުންގެ ތެރޭގައި ގިނައީ ރަޝިޔާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އެއީ ފަސް މީހަކު ރަޝިޔާއިން. ދެން ލަންކާ ހަތަރު މީހަކާ އިންޑިއާ ތިން މީހަކާ މެލޭޝިޔާއިން ދެމީހަކު ދެން އިންޑޮނޭޝިއާއިން ދެމީހަކު. މިއީ އެންމެ ގިނަ އަދަދަކަށް. ދެން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކަކުން އެބަހުރި ވަކިވަކި ފަރުދުން، އެއީ އެކަކު އިސްލާމްވެ، އިސްލާމްދީން ގަބޫލުކޮށްފައި،" ޑރ. ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމީހުން އިސްލާމްވީ އިސްލާމްދީނާ ބެހޭ ފުރިހަމަ މައުލޫމާތު ލިބިގެން ކަމަށެވެ.