16 Nov 2015, 21:36
(12 ނޮވެމްބަރުގެ އަދަދާ ގުޅޭ)
މަޝްހޫރު ޣައިރުމުސްލިމް ސީރަތު ލިޔުންތެރިޔާ ޖޯން ބަގޮޓް (John Bagot) އޭނާ ލިޔުއްވި ފޮތެއްކަމުގައިވާ “The Life and Times of Muhammad” ގައި، މި ކާވެނިފުޅާމެދު ލިޔުއްވައިފައިވެއެވެ.
"މި ޙާދިޘާ އަހަރެންގެ ވިސްނުމަށް އަޖައިބުވެ ޙައިރާންވާފަދަ އަސަރެއް ކުރުވައެވެ. ބުނެވޭގޮތުގައި،محمّد(صلّى اللّـه عليه وسلّم) ތަފާތު ޢާއިލާތަކުގެ އަންހެނުންނާ ކާވެނި ބެއްލެވީ، އެ ޢާއިލާތަކާ ގުޅުން ބަދަހިކުރެއްވުމަށްޓަކައެވެ. އެކަލޭގެފާނު ޙަބަޝާގެ ޝަހެންޝާހަށް ލިޔުއްވައިގެންأمّ حبيبةމަދީނާއަށް ގެންނެވިއެވެ. އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ. އެކަލޭގެފާނުގެ ބޭނުންފުޅަކީ، ހަމައެކަނި އަނބިކަނބަލަކު ހޯއްދެވުން ކަމުގައިވީނަމަ، އެކަމަނާއަށްވުރެ މާރީތި، މާޒުވާން އެތައް އަންހެންކުދީންނެއް، މާކައިރިން ޢަރަބިކަރައިން އެކަލޭގެފާނަށް ލިބިވަޑައިގެންފީހެވެ. ޢަރަބިކަރައިގައި ރީތި ޒުވާން އެތައްސަތޭކަ އަންހެންކުދީންނެއް ތިއްބެވެ. އެހުރިހާ ޕަރީންތަކެއްފަދަ ކުދީންތައް އެއްކިބާކުރައްވައިފައި ޚާއްޞަކޮށްأمّ حبيبةޙަބަޝާއިން ގެންނަވައި ކާވެނިބައްލަވައިގެންނެވުމުން އެނގެނީ، އެކަލޭގެފާނުގެ ބޭނުންފުޅަކީ، އެކަމަނާ މެދުވެރިކުރައްވައިأبو سفيانއާ ގުޅުން ރަނގަޅު ކުރެއްވުންކަމެވެ."
ސަރ ވިލިޔަމް މުއިރުވެސް، މި ޙަޤީޤަތަށް އިޢުތިރާފުވެވަޑައިގެންފައިވެއެވެ.
"އިސްލާމްދީނުގެ ނަބިއްޔާ (صلّى اللّـه عليه وسلّم) އުންމީދުކުރެއްވީ،أمّ حبيبةގެ ބައްޕާފުޅުأبو سفيانމިގޮތުން އެކަލޭގެފާނުގެ މަޤްޞަދާ ކައިރިޔަށް ގެންނެވޭނެކަމަށެވެ."
(Muir, Sir William/The Life of Mahomet, London,
Vol iv, P-59)
ނ.أمّ المؤمنينالسّيّدة جويرية رضى اللّـه عنهاއަކީ ބަނުލްމުޞްޠަލިޤު ވަންހައިގެ ރައީސުحارث بن ضرارގެ ދަރިކަނބަލުންނެވެ. އެކަމަނާގެ ފިރިކަލުންمسافح بن صفوانވަނީ ޣަޒުވާ މުރައިސީއު (ޣަޒުވާ ބަނުލް މުޞްޠަލިޤު) ގައި ޤަތުލުވެފައެވެ. އެ ހަނގުރާމައިގައި ވަރަށްގިނަ މީހުން ހައްޔަރުވެ، އަޅުވެތިވިއެވެ.أمّ المؤمنينالسّيّدة جويريةވެސް އެ ހަނގުރާމައިގައި ހައްޔަރުވެވަޑައިގެންނެވިއެވެ. މުސްލިމުންނަށް އެ ހަނގުރާމައިން ވަރަށްގިނަ ޣަނީމާ މުދާ ލިބުނެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّم، السّيّدة جويريةމިނިވަންކުރައްވައި، އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ. އެކަމަނާގެ ޤަބީލާ ބަނުލްމުޞްޠަލިޤަކީ ވަރަށް ބާރުގަދަ، ހަނގުރާމަވެރި ޤަބީލާއެކެވެ. މަގުފޭރުމާއި، ތަޅާފޮޅުމުގައި ވަރަށްބޮޑަށް ނަންހިނގައިފައިވާ ޤަބީލާއެކެވެ. ކުރީންވެސް ދެންނެވިފަދައިން، އެ ޤަބީލާގެ ރައީސަކީالسّيّدة جويريةގެ ބައްޕައެވެ. މުސްލިމުންނާއި މުޝްރިކުންނާ ދެމެދު ހިނގާ ހަނގުރާމަތަކުގައި އެ ޤަބީލާއަކީ އަބަދުވެސް މުޝްރިކުންގެ ޙަލީފެކެވެ. ދުޝްމިނުންގެ ސަފުގައި ބައިވެރިވާ ބައެކެވެ. ކުރީންވެސް ދެންނެވި ފަދައިން، ހިޖްރައިން ފަސްވަނަ އަހަރުގެ ޝަޢުބާންމަހު އެ ޤަބީލާއިން މުސްލިމުންނާ ހަނގުރާމަޔަށް ތައްޔާރުވިއެވެ. މުސްލިމުން އެ ޤަބީލާއާ ހަނގުރާމަކޮށް ބަލިކޮށްލިއެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّم،السّيّدة جويرية رضى اللّـه عنهاއާ ކާވެނިބައްލަވައިގެންނެވުމުން، މަސްރަޙު މުޅީން ބަދަލުވިއެވެ.أمّ المؤمنينގެ ބައްޕާފުޅުحارث بن ضرارއާއި ޤަބީލާގެ ގިނަމީހުން އިސްލާމްވެއްޖެއެވެ. މަގުފޭރުމާއި ތަޅާފޮޅުން ހުއްޓައިލައި ތައުބާވެއްޖެއެވެ. މުޞްޠަލިޤު ވަންހައާއި، އެ ޤަބީލާގެ ޙަލީފުންގެ ޙިމާޔަތް މުސްލިމުންނަށް ލިބޭންފަށައިފިއެވެ.
ޖޯން ބެގޮޓް (Johm Bagot) އެ ކާވެނިފުޅުގެ ސިޔާސީ ފައިދާއާއި، އެ ކާވެނިފުޅުގެ މޭވާއާ ބެހޭގޮތުން ލިޔުއްވައިފިއެވެ.
"މި ކާވެނިފުޅުން ވަނީ މުޞްޠަލިޤުވަންހައިގެ ހަނގުރާމައަށްވުރެ މާފުރިހަމަ ކާމިޔާބީއަކާއި މާގިނަ ޣަނީމާތަކެއް މުސްލިމުންނަށް ހޯދައިދީފައެވެ."
(John Bagot/The Life And Times of Muhammad,
New York, 1971, P-263)
ރ.أمّ المؤمنينالسّيّدة ميمونـة رضى اللّـه عنهاވަނީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއާ ކާވެނިބެއްލެވުމުގެ ކުރީން، ދެމީހަކާ ކާވެނި ބައްލަވައިގެންފައެވެ. އެކަމަނާ އެންމެފުރަތަމަ ކާވެނިބައްލަވައިގެންނެވީ،مسعود بنعمرو بنعمير الثّقفىއާއެވެ. އޭނާ އެކަމަނާ ވަރިކުރުމުން، ދެވަނަޔަށް ކާވެނި ބެއްލެވީأبورهم بن عبدالعزىّއާއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއާ އެކަމަނާއާ ކާވެނި ބެއްލެވީأبورهمމަރުވެ އެކަމަނާ ހުވަފަތްވެވަޑައިގެންފައި އިންނަވަނިކޮށެވެ.
أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــهاގެ އެއްބަނޑުއެއްބައްޕާފުޅު އުޚުތެއްކަމުގައިވާلبابة الكبرى(أمّ الفضل رضى اللّـه عنها)ގެ ފިރިކަލަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުބޭބޭފުޅުعبّاس بن عبد المطّلب رضى اللّـه عنهއެވެ. އެކަމަނާގެ އެއްބަނޑު ދެ އުޚުތުން ކަމުގައިވާأسماء بنت عميسއާއި،سلمى بنت عميسވެސް ކާވެނިބައްލަވައިގެންނެވީ ހާޝިމްވަންހައިގެ ދެބޭކަލުންނާއެވެ.السّيّدة أسماءކާވެނިބައްލަވައިގެން އިންނެވީ،جعفر بن أبى طالب رضى اللّـه عنهއާއެވެ.السّيّدةسلمى بنت عميسއަކީحمزة بن عبد المطّلب رضى اللّـه عنهޝަހީދުވެވަޑައިގެންނެވިއިރު ކާވެނިބައްލަވައިގެން އިންނެވި އަނބިކަނބަލުންނެވެ.
ކައުސާހިބާصلّى اللّـه عليه وسلّمޢުމްރަތުލްޤަޟާއަށް މައްކާއަށް ވަޑައިގަތުމުން،السّيّدة ميمونةގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގަތުމަކަށްވީ، އެކަމަނާއަށްأمّ المؤمنينގެ ޝަރަފު ލިބިވަޑައިގަތުމެވެ.
ކައުސާހިބާصلّى اللّـه عليه وسلّمމުސްލިމުންނާއިގެން ޢުމްރާވެވަޑައިގަތުމަށްޓަކައި މައްކާއަށް އަރައިވަޑައިގެންނެވިއިރު، މުސްލިމުންގެ އީމާންކަމުގެ ޖޯޝު ދުށުމަށްޓަކައި އެތައްބަޔަކު އެއްވިއެވެ. އޭގެތެރޭގައި،السّيّدة ميمونةވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާ އިންނެވީ، ޖަމަލަކަށް ސަވާރުވެވަޑައިގެންނެވެ. އެކަމަނާގެ ޝައުޤުވެރިކަމުގެ ލޯފުޅުން ހޯއްދަވަމުން ގެންދެވީ، ކައުސާހިބާصلّى اللّـه عليه وسلّمގެ އުޖާލާ މޫނުފުޅެވެ. އެކަމަނާއަށް އިތުރު ސާހިބާصلّى اللّـه عليه وسلّمފެނިވަޑައިގަތުމާއެކު، ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. "މި ޖަމަލާއި، މީގެމަތީގައިވާ ސަވާރު، މާތްاللّـهއަށާއި، އެކަލާނގެ ރަސޫލާއަށް ހިބަކުރަމެވެ."السّيّدة ميمونة بنت الحارث رضى اللّـه عنــهاއެކަމަނާގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގަތުމުގެ ވާހަކަ، އެކަމަނާގެ އުޚުތުންގެ އަރިހުގައި ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވިއެވެ. އަޅުގަނޑުގެ ޤަބީލާ ކަމުގައިވާ ބަނޫހިލާލަށްވެސް ތައިމުވަންހައަށާއި، ޢަދީވަންހަޔަށާއި، އުމައްޔަތުވަންހަޔަށާއި، މަޚްޒޫމުވަންހަޔަށާއި، އަސަދުވަންހަޔަށާއި، މުޞްޠަލިޤުވަންހަޔަށް ލިބިފައިވާ ޝަރަފު ލިބުމަކީ އަޅުގަނޑުގެ އެދުމެކެވެ.
السّيّدة ميمونة رضى اللّـه عنــهاގެ މި އެދިވަޑައިގަތުމުގެ ވާހަކަ، އެކަމަނާގެ ދައިތާފުޅުلبابة الكبرى(أمّ الفضل رضى اللّـه عنها)އެކަމަނާގެ ފިރިކަލުންعبّاس بن عبد المطّلبގެ އަރިހުގައި ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަކީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުބޭބޭފުޅެވެ. ކައުސާހިބާ، ކަލޭގެފާނަށް އިޙްތިރާމު ކުރައްވައެވެ. އަޅުގަނޑުގެ ކޮއްކޮبرّةގެ އެދިވަޑައިގަތުމަކީ، އިތުރު ސާހިބާ އެކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ. ކަލޭގެފާނު މިކަމާ އުޅުއްވައިދެއްވުން އެދެމެވެ.
عبّاس رضى اللّـه عنهއެ މައުޟޫޢުގައި، ކައުސާހިބާصلّى اللّـه عليه وسلّمއާ ވާހަކަފުޅު ދެއްކެވުމާ އެންމެ ފުރަތަމަ ޙަވާލުކުރެއްވީ،جعفر بن أبى طالب رضى اللّـه عنهއާއެވެ. ނަމަވެސް، އެ ޚިޔާލުފުޅު ބަދަލުކުރައްވައި، އިތުރު ސާހިބާގެ އަރިހަށް، އަމިއްލަފުޅަށް ވަޑައިގެން ވިދާޅުވިއެވެ.
އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް މިއައީ ބޭނުމަކުއެވެ. އެބޭނުމަކީ، އަޅުގަނޑުގެ ފަހަރިبرّة بنت الحارث(برّةގެ ނަންފުޅުميمونةއަށް ބަދަލުކުރެއްވީ، ކައުސާހިބާصلّى اللّـه عليه وسلّمއެވެ.) ގެ ފިރިކަލުން ނިޔާވެ،برّةވަނީ ހުވަފަތްވެފައެވެ. އެކަމަނާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މިވަގުތު އެޅިފައިވަނީ އަޅުގަނޑުގެ ކޮނޑުގައެވެ. އަޅުގަނޑުގެ އެދުމަކީ، ކަލޭގެފާނު އެކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ބޮޑުބޭބޭފުޅުعبّاس بن عبد المطّلبގެ ހުށަހެޅުއްވުން ޤަބޫލުކުރައްވައި، އެކަމަނާއާ ކާވެނި ބައްލަވައިގެންނެވިއެވެ. ޢުމަރަތުލްޤަޟާގެ އިޙްރާމު ކެނޑުއްވުމަށްފަހުގައެވެ.
ނަޖުދުގެ ރައީސުގެ އަންހެނުންނަކީވެސްأمّ المؤمنينالسّيّدة ميمونـة رضى اللّـه عنهاގެ އުޚުތެކެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّم، السّيّدة ميمونـةއާ ކާވެނިބައްލަވައިގެންނެވުމުން، މުސްލިމުންނާއި ނަޖުދާ ގުޅުން ރަނގަޅުވިއެވެ. ނަޖުދުގައި އިސްލާމްދީނުގެ ދަޢުވަތު ފަތުރަން މަގުފަހިވިއެވެ. އޭގެކުރީން ނަޖްދުގެ މީހުން ވަނީ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެކަރަޔަށް ދީނަށް ގޮވައިލައްވަން ފޮނުއްވި ހަތްދިހަ ޞަޙާބީން ކެހިވެރިގޮތުގައި ޝަހީދުކޮށްފައެވެ. އެ ހަތްދިހަ ބޭކަލުންނަކީ ޤުއްރާއުންގެ ނަމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލުންނެވެ. ޞުއްފާ ޔުނިވަރސިޓީގެ އެސެންސު ކަމުގައި ހިމެނިވަޑައިގަންނަވާ ޖަމާޢަތުގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭބޭކަލުންނެވެ.أنس رضى اللّـه عنهރިވާކުރައްވާގޮތުގައި، އެބޭކަލުން ޝަހީދުވެވަޑައިގެންނެވި ޚަބަރު ލިބިވަޑައިގަތުމުން، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއެހެން އެއްވެސްކަމަކާ ހިތާމަ ނުކުރައްވާވަރަށް ހިތާމަ ކުރެއްވިއެވެ. އެ ހިތާމަފުޅުގައި، ތިރީސްރޭ ވަންދެން ކޮންމެ ރެޔަކު ފަތިސްނަމާދުގައި ޤުނޫތު ވިދާޅުވިއެވެ. މީގެއިތުރަށްވެސް މުސްލިމުންނަށް ވަނީ ނަޖްދުކަރައިގެ މީހުންގެ ފަރާތުން ފިތުނަވެރި އެތައް ޙާދިޘާތަކަކާ ކުރިމަތިވެފައެވެ. ނަމަވެސް،السّيّدة ميمونـة رضى اللّـه عنهاގެ ކާވެނިފުޅުގެ ސަބަބުން އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަށާއި، މުސްލިމުންނަށް ވަނީ ނަޖުދުކަރައިގެ މީހުންގެ ކިބައިން އަމާންކަން ލިބިވަޑައިގެންފައެވެ. ނަޖުދުކަރައިގައިވަނީ އިސްލާމްދީން ފެތުރޭން ފަށައިފައެވެ.
މި ކާވެނިފުޅުގެ ވަރަށްބޮޑު އަނެއް ފައިދާއަކީ، އަރާތިއްބެވި ޢަސްކަރީ ދެ ޖަނަރަލަކު އިސްލާމްވެވަޑައިގަތުމެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ފިދާއީންގެ ތެރޭގައި ހިމެނިވަޑައިގަތުމެވެ. އެ ދެބޭކަލުންނަކީسيف اللّـه خالد بن الوليدއާއިعمرو بن العاص(رضى اللّـه عنهم) އެވެ.خالد بن الوليد رضى اللّـه عنهއަކީأمّ المؤمنينالسّيّدة ميمونـةއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެކެވެ.أمّ المؤمنين،خالدއާމެދު ބައްލަވަނީ، އުފަން ދަރިކަލެއްގެ ނަޒަރުންނެވެ. ހަމައެފަދައިންخالدގެ އަރިހުގައިވެސްأمّ المؤمنينގެ މަޤާމަކީ، މައިކަނބަލެއްގެ މަޤާމެވެ.خالد بن الوليدއާއި،عمرو بن العاصއާ ދެބޭކަލުންނަކީ އިސްލާމީ ފުތޫޙާތުގެ އަބްޠާލުންގެ ތެރެއިން އެންމެ ނަންހުރި އެއް ދެ ބަޠަލުންނެވެ. މުސްލިމުންގެ އިސްލަޝްކަރުގެ އެންމެ ލާމަސީލު ކޮމާންޑަރުންކުރެ ދެ ކޮމާންޑަރުންނެވެ. އެ ދެބޭކަލުންނަކީ، އިސްލާމީ ތާރީޚުގެ ނަމޫނާ ދެ ޝަޚްޞިއްޔަތެވެ.
(ނުނިމޭ)