16 Nov 2015, 21:05
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިރޭ ބަލައިފާސްކުރި މ. ކުރިރުއްގެ ކައިރީ ހަރަކާތްތެރިވި ނޫސްވެރިއަކަށް ހުރަސް އަޅަން މަސައްކަތް ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ކުރިރުއްގެ ކައިރީ އެވަގުތު ހަރަކާތްތެރިވި ސަންގެ ފޮޓޯގްރާފަރު ޔޫސުފް ޞަފްވާން ބުނީ އެގެއަށް ވަންނަން އައި މީހަކު ފުލުހުންގެ ލައިން ފޫއަޅުވާލާފައި ވަންނަން އުޅުމުން ފުލުހުން އޭނާ ހުއްޓުވި ކަމަށާއި އެގޮތަށް އޭނާ ހުއްޓުވުމުން ފުލުހުންނާ އޭނާއާ ދެމެދު ޒުވާބެއް ހިނގި ކަމަށެވެ. އަދި އެ މަންޒަރު ވީޑިއޯ ކުރަން އުޅުނު ދިޓީވީގެ ކެމެރާ މަނާ ދިމާލަށް އޭނާ ގޮސް ކެމެރާ ހިފަހައްޓައި ވީޑިއޯ ބަލަން މަސައްކަތް ކުރި ކަމަށެވެ. ފުލުހުން އޭނާ ހައްޔަރުކޮށް ބިޑިއަޅުވައިގެން ގެންދިޔައީ އެހިސާބުން ކަމަށް ޞަފްވާން ބުންޏެވެ.
ފުލުހުން ބުނީ، މ. ކުރިރުއްގެ ބަލައިފާސްކުރީ، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ކަމަށެވެ. ކުރިރުއްގެ ބަލައިފާސްކުރި ނަމަވެސް އެގެއިން ފުލުހުން އެއްވެސް އެއްޗެއް ގެންދިޔަކަން އެނގިފައެއް ނުވެއެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގަންފެށި ހާއްސަ އޮޕަރޭޝަންގައި މިދިޔަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ، ފުލުހުންނާއި ސިފައިން އެމްއެމްޕީއާރުސީ އޮފީހަށް ވަދެ އެތަން ބަލައިފާސްކޮށް އެތަނުން ބައެއްތަކެތި ގެންގޮސްފައި ވެއެވެ.
މީގެ އިތުރުން، އެމްއެމްޕީއާރުސީއާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއް ބެލުމަށް، މީގެ ދެ ހަފްތާކުރިން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ވަނީ އެމްއެމްޕީއާރުސީގެ އޮފީހަށް ވަދެފައެވެ.
ރައީސުލްޖުމްހީރިއްޔާގެ އެދިވަޑައިގަތުމާ ގުޅިގެން އޮޑިޓް އޮފީހުން އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ހަމަޖެހިފައިވާއިރު، އެކުންފުންޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އޭގެ ތެރޭގައި ފައިސާ އާ ގުޅޭ ބޮޑެތި މައްސަލަތަކާއި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލައެއް ހިމެނެ އެވެ.