04 Apr 2011, 19:22
ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އުފައްދާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ މެންބަރުކަމަށް، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ މިއަދު މެންބަރުން ޢައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެކޮމިޝަނަށް ރައީސް އައްޔަންކުރައްވައިފައިވަނީ މަޖިލީހުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ފާސްކުރި ހަތް ބޭފުޅުންނެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ މއ. ވިލުވެލި، ބަދުރުއްނަސީރާއި ހ. ރަންކޮކާ، އައިޝަތު ހަނާ އާއި ހ. ރީތިގަސްދޮށުގެ، މުހަންމަދު ޝަހީބާއި މއ. ލައިޓްކޯނާ، މަރިޔަމް ޝައުގީއާއި ވ. މަށިވެލި، އިބްރާހީމް އަޝްރަފް އާއި ގ. . ހާފްސީ މުއުމިނާ އާދަމްގެ އިތުރުން މ. ނޫވިލު އަބްދުﷲ ޝުޖާއު އެވެ.
ރައީސް އޮފީހުން ބުނީ، ކޮމިޝަނަށް މެމްބަރުން އައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީޑިއާއަކީ ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށް ސަރުކާރުންދެކޭ ކަމަށާއި، އަދި ގާނުނު އަސާސީގެވެސް ރޫޙަކީ އެއީ ކަމުގައި ވިދާޅުވި ކަމަށެވެ. އަދި މިނިވަން މީޑިއާއެއް ނެތިއެއް، އަޅުގަނޑުމެން މިއެދޭ ތަރައްގީއާއި، ރާއްޖޭގެ ރައްޔިތުން އެދޭ ހެޔޮވެރިކަން ނުހޯދޭނެ ކަމުގައި ބަޔާންކުރައްވަމުން، މިޑިއާ ރެގިއުލޭޓް ކުރެއްވުމުގައި، މިހާރު މިއޮތް މީޑިއާގެ މިނިވަންކަން ގެއްލިދާ ބާވަތުގެ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ރައީސް ވިދާޅުވި ކަމަށް ވެސް ބުންޏެވެ.
މީގެއިތުރުން، މިހާރު ގާނޫނީ ވަކި މުއައްސަސާއެއް މެދުވެރިވެ، ގާނޫނެއްގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކީގައި، މާ ހަރުދަނާ ގޮތުގައި މަސައްކަތް ކުރައްވައި، ރާއްޖޭގެ ރައްޔިތުން މިއެދޭ ތަރައްގީ މި ރާއްޖެއަށް ހޯއްދަވައިދެއްވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.