ކޯޓު އަމުރެއްގެ ދަށުން މ. ކުރިރުއްގެއަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެފިއެވެ.

ރިޔާސީ ލޯންޗު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ބ. ހިބަޅިދޫން ފެނުނު ހަތިޔާރުތަކުގެ މައްސަލައާ ގުޅިގެން މީގެ ކުރިން ސަލާމަތީ ބާރުތަކުން ބަލައި ފާސްކޮށްފައިވާ މ. ސެސްނާ ސަރަހައްދު ބަންދުކޮށްގެން ފުލުުހުން މިރޭ ވަނީ އެތާ ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ މ. ކުރިރުއްގެއަށް ވަދެ ގަޑިއެއްހާއިރުވަންދެން އެގެ ބަލައިފާސްކޮށްފައެވެ. އެހެންނަމަވެސް އެގެއިން އެއްވެސް އެއްޗެއް ގެންދިޔަކަން އަދި ނޫންކަންވެސް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ފުލުހުން އެ ސަރަހައްދު ބަންދުކޮށްގެން މ. ކުރިރުއްގެ ބަލައި ފާސްކުރަމުން ދިޔަ ވަގުތު އެ ސަރަހައްދުގައި ހުރި ސަންގެ ފޮޓޯގްރާފަރު ޔޫސުފް ސޮފްވާން ބުނީ، ބަލައިފާސްކުރިތަނުން ފުލުހުން އެއްވެސް އެއްޗެއް ގެންދިޔަ މަންޒަރު ފެނިފައި ނުވާ ކަމަށެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ހިންގަންފެށި ހާއްސަ އޮޕަރޭޝަންގައި މިދިޔަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ، ފުލުހުންނާއި ސިފައިން އެމްއެމްޕީއާރުސީ އޮފީހަށް ވަދެ އެތަން ބަލައިފާސްކޮށް އެތަނުން ބައެއްތަކެތި ގެންގޮސްފައި ވެއެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީއާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއް ބެލުމަށް، މީގެ ދެ ހަފްތާކުރިން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ވަނީ އެމްއެމްޕީއާރުސީގެ އޮފީހަށް ވަދެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން އޮޑިޓް އޮފީހުން އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ހަމަޖެހިފައިވާއިރު، އެކުންފުންޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އޭގެ ތެރޭގައި ފައިސާ އާ ގުޅޭ ބޮޑެތި މައްސަލަތަކާއި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލައެއް ހިމެނެ އެވެ.

މީގެ އިތުރުން، ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ހައްޔަރުކޮށްފައެވެ.